07 Sep 2015, 12:56
މިސްކިތްތަކުގައި ދަރުސްދޭ ނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ނަގަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިދިޔަ ހަފްތާގެ ތެރޭގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގައި ދީނީ ތަގުރީރުކޮށް، ދީނީ ނަސޭހަތްދިނުމުގެ ހުއްދަ، އެ މިނިސްޓްރީ ނޫން ފަރާތްތަކުން ދޫކޮށްފައި ވާތީ، އެފަދަ ފަރާތްތަކުން ދޫކޮށްފައިވާ ހުއްދަތަކަކީ ބާތިލު ހުއްދަތަކެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން މިސްކިތްތައް ބޭނުން ކުރުމަށް ހުއްދަ ނަގަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށެވެ. އެހެން ނަމަވެސް ދާދިފަހުން ގާނޫނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން އެ މަސައްކަތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ބަދަލު ގެނެސްފައި ވާތީ މިސްކިތްތައް ބޭނުން ކުރުމުގައި އެއީ އަދި ދަރުހެއް ދިން ކަމުގައި ވިއަސް މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެ." އިބްރާހިމް ވިދާޅުވި އެވެ.
މިސްކިތުގައި ދަރުސްދޭ ނަމަ އިސްލާމިކް މިނިސްޓުރީގެ ހުއްދަ ނެގުމަށް އެ މިނިސްޓްރީ އިން އަންގާފައިވާ އިރު މީގެ ކުރިން މިސްކިތްތަކުގެ ބެލެނެވެރި ފަރާތަކީ ސިޓީ ކައުންސިލެވެ.
އެހެންނަމަވެސް ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ އިސްލާހު ތަސްދީގުކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ޖެހެ އެވެ.