07 Sep 2015, 11:26
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލި ޕިކަޕް ޑްރައިވަރު ސ ހިތަދޫ އަލިމަސްގެ ބާސިތު އިބްރާހިމާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނަގައި އޭނާގެ ފަރާތުން އެދިއްޖެ އެވެ.
ބާސިތުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓް ސަރަހައްދުގެ މަގުތަށް، މުޒާހަރާގެ ބައިވެރިންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް، ބާސިތު އެ ސަރަހައްދަށް ޕިކަޕުގައި ވަދެފައިވާ ކަމަށެވެ. އަދި އޭނާ އެ ސަހައްދަށް ވަދެފައި ވަނީ އެތާ ހަރަކާތްތެރިވި ފުލުހުންގެ ސަފުގައި ލޮރީން ޖައްސައި، ފުލުހުންގެ ސަފު ފޫއަޅުވާލާފައި ކަމަށް ވެސް ދައުވާގައި ވެއެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި 15 ހެކިންގެ ތެރެއިން ހަތް ހެކިން ވަނީ ކޯޓަށް ހާޒިރުވެފަ އެވެ. ނަމަވެސް ދިފާއީ ވަކީލުންގެ އެދުމުގެމަތިން ހުރިހާ ހެކީންގެ ހެކިބަސް އެއްދުވަހަކު ނެގުމަށް ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު މިއަދު ވަނީ ނިންމައިފައެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ހުރިހާ ހެކިން އެއްދުވަހަކު ހާޒިރު ނުކުރެވުނީ ބައެއް ހެކިން އޮޕަރޭޝަންތަކުގައި ރަށުން ބޭރުގައި ތިބުމުން ކަމަށެވެ. ބާސިތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީންނަކީ ފުލުހުންނެވެ.
ގާޒީ ވިދާޅުވީ ހުރިހާ ހެކިބަހެއް އެއްދުވަހަކު ނެގުމަށް ލާޒިމު ކުރާ ގާނޫނެއް އަދި ގަވާއިދެއްވެސް ނެތް ކަމަށާއި ނަމަވެސް އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ގާނޫނުއަސާސީ ލާޒިމް ކުރާތީ ހެކީންގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ދެކޭ ކަމަށެވެ.
ބާސިތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެދުވަހުގެ މުޒާހަރާއާ ގުޅިގެން ބާސިތިގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށްވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެމައްސަލައިގައި މިހާތަަނަށް ބޭވުނީ އެންމެ އަޑު އެހުމެކެވެ.