ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ލަވަންޓޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ރެކޯޑް ރޮނާލްޑޯ ހޯދިއިރު، ނޭމާގެ ހަތަރު ގޯލުން، 2-5 ގެ ނަތީޖާއިން ރަޔޯ ވައެކާނޯގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފިއެވެ.

ރެއާލް ގެ ދަނޑުގައި ކުޅުނު އެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ އެ ޓީމަށް ކުޅެދިން 310 މެޗުގައި 324 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސެލޯނާ ރަޔޯ ވައެކާނޯ ބައްދަލުކުރި މެޗުގައި ނޭމާ ލަނޑުޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އޭނާ މުގުރާލާފައިވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ހަދާފައިވާ ގޯލް ރެކޯޑެވެ. އެ ޓީމަށް ކުޅެދިން 741 މެޗުގައި ރައުލް ޖަހާފައިވަނީ 323 ލަނޑެވެ. މި މެޗުގެ 27 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ މާސެލޯ އެވެ. ރޮނާލްޑޯ ލަނޑު ޖެހީ އޭގެ ތިން މިނެޓު ފަހުންނެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހާފައިވަނީ ޖޭޒް ރޮޑްރިގޭޒްއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗް ބާސާއިން ކާމިޔާބު ކުރީ ވައެކޯނާއިން ގޯލެއްޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ. އެގޮތުން ވައެކޯނާ ގޯލް މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ހަވީ ގުއެރާއެވެ. ނަމަވެސް މެޗުގެ 22 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން، ބާސާއަށް ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށްދީ ނޭމާ ވަނީ އެޓީމަށް، މެޗުގެ ލީޑުނަގައިދީފައެވެ. މެޗުގެ 69 ވަނަ މިނެޓްގައި ނޭމާ ބާސާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ، ހެޓްރިކް ހަދާފައެވެ. އޭގެ މިނެޓެއްފަހުން، ސުއަރޭޒްދިން ޕާހަކުން ނޭމާ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.

ބާސެލޯނާ ރަޔޯ ވައެކާނޯ ބައްދަލުކުރި މެޗުގައި ސުއަރޭޒް ލަނޑުޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ބާސާގެ ފަސްވަނަ ގޯލް ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިންއިރު، ވައެކާނޯގެ ދެވަނަ ގޯލް މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ޖޮޒަބްޑްއެވެ.

މި މެޗުގައި ނޭމާ ޖެހި ހަތަރު ގޯލާއެކީ އޭނާ ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ، އަށަކަށް އަރައިފައެވެ.

ސްޕެނިޝް ލީގުގައި ޓޮޕް ސްކޯރާއަކީ ވެސް މިވަގުތު ނޭމާއެވެ. އެއް ވަނައިގައި އޮތް ރެއާލާއި ދެވަނައިގައި އޮތް ބާސެލޯނާ އަށް، އަށް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ރެއާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތް ވިޔަރެއާލް އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭ ކުޅޭ މެޗުން ހަތަރު ވަނާގައި އޮތް ސެލްޓާ ވިގޯ އަތުން މޮޅުވެއްޖެ ނަމަ ލީގުގެ އެއްވަނަ އެޓީމަށް ލިބޭނެ އެވެ.