07 Sep 2015, 10:36
މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކުނި ނައްތާލުމާ ބެހޭ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓުރީގެ ދަށަށް ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ އަދި އައްޑޫ ސިޓީގެ ކުނި ނައްތާލުމާ ބެހޭ މަސައްކަތް އެ މިނިސްޓުރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މާލެ އަދި އައްޑޫ ސިޓީގެ ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިން ކޮށްފައި ވަނީ އެ ދެ ސިޓީގެ ސިޓީ ކައުންސިލުން ނެވެ. އެހެންނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ.
އެގޮތުން ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ މަޖިލީހުން އިސްލާހު ގެނެސްފަ އެވެ.
އެގޮތުން މިހާރު ވެސް ސިޓީ ކައުންސިލުތަކުގެ މަސައްކަތްތައް ބައެއް މިނިސްޓުރީތަކުގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށް ބަދަލުކޮށްފަ އެވެ. މިސްކިތްތަކުގެ މަސައްކަތްތައް ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.