07 Sep 2015, 09:54
މާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ދެ ވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީ އިން ބީލަމަށް ލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދެ ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފައި ވަނީ ފުރަތަމަ ހުޅުވާލި ބީލަމަށް މާ ބޮޑު ތަރުހީބެއް ނުލިބުމުން ކަމަށެވެ.
ފިނޭންސުން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސްއެއް ތަރައްގީކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިއަދު އެ މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އެ މިނިސްޓްރީ އަށް ހުށަހަޅަން އެދޭ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން ސަން އަށް ވިދާޅުވީ 25 ބުރީގެ އިމާރާތް އަޅަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުންނަ އިމާރާތުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ހުރި ދެ އިމާރާތް ތަޅާލުމަށް ފަހު ކަމަށެވެ. އެ އިމާރާތް އަޅާ ބިމަކީ 32،000 އަކަފޫޓުގެ ބިމެކެވެ.
ޖިހާދު ވިދާޅުވީ އެ އިމާރާތަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އަޅާ އިމާރާތެއް ނޫން ކަމަށާއި އެއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އިމާރާތްކުރާ ތަނެއް ކަމަށެވެ.