07 Sep 2015, 10:44
ވޮޝިންޓަން (ސެޕްޓެމްބަރު 7) : ފަސިންޖަރުންނަށް ބަނގުރާ ފޯރުކޮށްދިނުމަށް ދެކޮޅުހެދި އެމެރިކާގެ އެއަލައިންއެއްގެ އެއަހޮސްޓެސް އެއްގެ މަގާމުގައި އުޅޭ މުސްލިމް އަންހެނަކު ވަޒީފާ އިން ވަކިކޮށްފި އެވެ. ޗާލީ ސްޓޭންލީ އަކީ ދާދިފަހުން އިސްލާމް ވެގެންއުޅޭ އެމެރިކާ ދޮންނަސްލުގެ 40 އަހަރުގެ އަންހެނެކެވެ. އޭނާ މަސައްކަތްކުރަނީ އެމެރިކާގެ އަމިއްލަ އެއަލައިންއެއްކަމަށްވާ "އެކްޕްރެސް ޖެޓް"ގަ އެވެ. ސްޓޭންލީ ވަނީ އޭނާގެ ވަޒީފާ އަލުން އަނބުރައި ހޯދުމަށް ވަޒީފާގެ ޓްރައިބިއުނަލްއަށް ވަނީ ހުށަހަޅާފަ އެވެ.
ސްޓޭންލީއާ ހަވާލާދީ ސީބީއެސް ނެޓްވާކް ބުނާ ގޮތުން އިސްލާމްދީނުގައި ބަނގުރާ ބުއިމުގެ އިތުރުން އެހެންމީހުންނަށް ބަނގުރާ ދިނުމަކީ ވެސް މަނާކަމަކަށްވާ އިރު އެއަރލައިންގެ ފަސިންޖަރުންނަށް ބަނގުރާ ސާވް ކޮށްދިނުމަށް އޭނާ ދެކޮޅުހެދީ އެމެރިކާގެ ގާނޫނުގައި އޭނާ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންނެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެއްވެސް ތަނެއްގެ މުވައްޒަފަކަށް އޭނާގެ ދީނީ ގަބޫލުކުރުންތަކާ ދެކޮޅަށް ކަމެއް ވަޒީފާގައި ކުރުމަށް މަޖްބޫރެއް ނުކުރެވޭނެ އެވެ. އަދި މިފަދަ މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަތްކެއް ވެސް ނުކުރެވޭނެ އެވެ.
ސްޓޭންލީގެ ވަކީލް ލީނާ އަލްމިސްރީ ވަނީ މިގަޒިއްޔާ ސްޓޭންލީ އަށް ކާމިޔާބުކުރެވި އަލުން ވަޒީފާ އަށް ރުޖޫއަވެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުގައި މިއީ މުސްލިމް އަންހެނުންނަށާއި ފިރިހެނުންނަށް ވެސް ދިމާވާ މައްސަލައެކެވެ. ނަމަވެސް އެކުންފުނިތަކުން އެންމެފަހު ވަގުތު މިކަމަށް އިންކާރު ކުރެ އެވެ. ސްޓޭންލީ މަސައްކަތްކުރި އެމެރިކާގެ "އެކްޕްރެސް ޖެޓް" އެއަރލައިންއިން ވެސް ވަނީ އޭނާ މަގާމުންވަކިކުރީ އިސްލާމް ދީނާ ގުޅުންހުރި މައްސަލައެއްގައި ނޫން ކަމަށް ބުނެފަ އެވެ. އަދި ސްޓޭންލީގެ ސްޕަވައިޒަރުގެ ފަރާތުން އޭނާ ވަޒީފާއަށް ފަރުވާކުޑަކުރާ މައްސަލަ ފާހަގަކުރެވޭ ކަމަށާ މަގާމުންވަކިކުރީ އެމައްސަލާގައި ކަމަށް ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)