17 Mar 2011, 07:40
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި ވިއެޓްނާމްގެ ހަނޯއީ އަތުން އެ ގައުމުގައި 2-0 ލަނޑުން ވިކްޓަރީ ބަލިވުމުން ދެވަނަ ބުރާ މެދު ކުރެވެމުންދާ އުއްމީދުތަކަށް ހުރަސް އެޅެން ފަށައިފި އެވެ.
ފުރަތަމަ މެޗުގައި ގަލޮޅުދަނޑުގައި ސިންގަޕޯރގެ ޓެމްޕައިންސް ރޯވާސް އަތުން 3-1 ލަނޑުން ބަލިވި ވިކްޓަރީއަށް އިއްޔެގެ މެޗުގައިވެސް ދެއްކުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މުޅި މެޗު ހަނޯއީ ކޮންޓްރޯޅު ކުރިއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް އެޓީމަށް ލިބުނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފަށައިގެން މާގިނައިރުތަކެއް ނުވެ ހަނޯއީގެ ވޮޑުނާމް ޖެހިއިރު ދެވަނަ ލަނޑު އިތުރު ވަގުތުގައި ވައްދާލަދިނީ ސިއާއޮ ސީ ޗޮންގ އެވެ.
ވިކްޓަރީ ތަފާތު ބޮޑުކޮށް ބަލިނުވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ކީޕަރ މުހައްމަދު ފައިސަލަށެވެ. އޭނާ ވަނީ ހަނޯއީގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މެޗަށްފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މޫސުމުގެ މައްސަލަ ކަމަށެވެ.
"އަހަރެންނަކަށް ހިއެއްނުވޭ މި ފިނީގައި ކުޅެން އެއްވެސް ޓީމަކަށް ހިތްހަމަ ޖެހޭނެ ހެނެއް" އޭއެފްސީގެ ސައިޓްގައި ސުޒޭން ބުނި ކަމަށް ލިޔެފައިވެއެވެ.
ސުޒޭން ބުނީ މި ނަތީޖާގެ ސަބަބުން މުބާރާތުގެ އިތުރު ބުރަކަށް ދިޔުމަށް ވަރަށް ބޮޑު ހުރަހަކަށްވެފައިވާ ކަމަށާއި ނަމަވެސް މާލޭގައި ކުޅޭ މެޗުތަކުގައި މޫސުމުގެ އެޑްވާންޓޭޖް ނެގިދާނެ ކަމަށެވެ.
ހަނޯއީގެ ކޯޗު ޕަންތަން ވަނީ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ހަނޯއީއަކީ ފުރަތަމަ މެޗުގައި މުއަތޮންގ އަތުން 4-0 ލަނޑުން ބަލިވެފައިވާ ޓީމެކެވެ. އިއްޔެ މުއަތޮންގ އާއި ޓެމްޕައިން ރޯވާސް ބައްދަލުކުރި މެޗު 1 ލަނޑުން ވަނީ އެއްވަރުވެފައެވެ. މިގްރޫޕްގައި ޓެމްޕައިންސް އާއި މުއަތޮންގ ކޮންމެ ޓީމެއް 4 ޕޮއިންޓް ހޯދާފައިވާއިރު ހަނޯއީ އޮތީ 3 ޕޮއިންޓްގައެވެ. ވިކްޓަރީ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.