18 Apr 2010, 15:06
14:30
ޅަފަތުގެ ތަޢްލީމަކީ ކުއްޖާގެ ސިކުނޑި އުފެއްދުމަށްޓަކައި އަދި ކުއްޖާގެ މުސްތަޤްބަލުގެ ބިންގާ އެޅުމަށްޓަކައި، އެންމެ މުހިންމު ކަންތައް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ގދ. އެމް.އެމް.ޕްރީ-ސްކޫލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ، އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި، އެ ސްކޫލުން ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރެއްވި އެވެ. އަދި އެ ސްކޫލުގެ ބާނީ އަލްމަރްޙޫމް މުޙަންމަދު މާހިރުގެ ޒިކުރާ އާކުރައްވަމުން، އެ ސްކޫލުން މިހާތަނަށް ދިހަހާހަށްވުރެ ގިނަ ކުދިން ތަޢްލީމު ޙާޞިލުކޮށްފައިވާކަން އެއީ، ތިނަދޫގެ ތަޢްލީމަށްޓަކައި މަރްޙޫމް މުޙަންމަދު މާހިރު، ވަރަށް ބޮޑު ޚިދްމަތެއް ކުރައްވާފައިވާކަމުގެ ދަލީލެއް ކަމުގައި ވިދާޅުވި އެވެ.
ޕްރީ-ސްކޫލަކީ، ތަޢްލީމުގެ ބިންގާކަން ނައިބު ރައީސް ފާހަގަކުރައްވަމުން، ޅަފަތުގެ ތަޢްލީމު ފެށެނީ ޚާއްޞަކޮށް މައިންގެ ތަޢްލީމާއި ޞިއްޙަތާއެކުގައި ކަމަށާއި، އެކަމަށްޓަކައި މަންމައިންނާއި ބައްޕައިން ތައްޔާރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މި ޢުމުރުގެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަކީ، ވަރަށް ފެންވަރު ރަނގަޅު ޓީޗަރުންނަށްވާންޖެހޭ ކަމަށާއި، މި ސަބަބަށްޓަކައި، ޅަފަތުގެ ތަޢްލީމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ސަރުކާރުން ދެމުން ގެންދާ ކަމުގައި ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ-ސްކޫލް އުފެއްދުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުދިން އުނގެނޭއިރުގައި އުނގެނެނީ ތަފާތު ގޮތްގޮތަށް ކަމަށާއި، ހުރިހާ ކުދިންނަކީ އެއްކަމަކަށް މޮޅު ކުދިން ނޫންކަމުގައި ވިދާޅުވި އެވެ. އެހެންވީމާ، އަޅުގަނޑުމެންގެ ތަޢްލީމު އަޅުގަނޑުމެން ބިނާކުރަންޖެހޭނީ، މިފަދަ ތަފާތު ކުދިންތަކަކަށް ދެވޭ ތަޢްލީމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިއަދު ހެނދުނެވެ.