ވޮޝިންޓަން (ސެޕްޓެމްބަރު 7) : ޖިންސީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބޭހެއް ކަމަށްވާ "ވިއެގްރާ އަންހެން" ބޭސް އެމެރިކާގެ ބާޒާރުތަކުގައި ވިއްކުމުގެ ހުއްދަ ދިނުމާ ގުޅިގެން އެބޭސް ވަރަށް ބޮޑަށް ވިކެމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އެމެރިކާގެ ފެޑްރަލް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން މިބޭސް ވިއްކުމުގެ ހުއްދަ އެގައުމުގެ ޑިސްޕެންސަރީތަކަށް ދީފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ފަހު ހަފްތާގަ އެވެ. އެއަށް ފަހު އެމެރިކާގެ ސްޓޭޓްތަކުގައި އެންމެ ބާރަށް ވިކެމުންދާ އެއް ބޭހަކީ މިބޭސް ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެ އެވެ. ޖިންސީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ "ވިއެގްރާގެ ފިރިހެން" ބޭސް ބާޒާރަށްނެރެ ވިއްކަމުންދާތާ އެތައް އަހަރެއްވެފައިވީ ނަމަވެސް އަންހެނުންނަށް ޚާއްސަކޮށްގެން ވިއެގްރާ ބޭސް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.
ޖިންސީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްސަކޮށްގެން ވިއެގްރާ ނޫން ބޭސްތައް އެމެރިކާގައި ވެސް އަދި އެހެންގައުމުތަކުގައި ވެސް ވިއްކަމުން ގެންދެ އެވެ. ނަމަވެސް "ވިއެގްރާ އަންހެން" ބޭސް ބާޒާރަށް ނެރުމާ އެކު، އަންހެނުންނަށް ޚާއްސަކޮށް ގެން ވިއްކަމުންދިޔަ Addyi ނަމަކަށް ކިޔާ ބޭސް ވިއްކުމުގެ ހުއްދަ އެމެރިކާގެ ފެޑްރަލް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ބާތިލްކޮށްފަ އެވެ.
"ވިއެގްރާ އަންހެން" ބޭހަކީ އޭގެ ފިރިހެން ބޭހެކޭ އެއްގޮތަށް ސައިޑް އިފެކްޓްސް ގިނަ ބޭހެއްކަމަށްވެ އެވެ. މިގޮތުން އެބޭސް ބޭނުންކުރާ އަންހެނުންނަށް ބޯއެނބުރުމާއި ލޭމައްޗަށް ދިޔުމާއި ނިދިއައުމާއި އެނޫންވެސް އެތައް މައްސަލަތަކެއް ކުރިމަތިވާކަމަށްވެ އެވެ. ނަމަވެސް ޖިންސީ ނުކުޅެދުންތެރިކަމުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާކަމަށްވެ އެވެ.

ޖިންސީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ނިސްބަތް އެމެރިކާގައި ބޮޑުވުމުގެ ސަބަބުން ވަރި ގިނަވާކަން އެމެރިކާގައި ޝާއިޢުކުރާ ތަފާސްހިސާބުތަކުންނާއި ސާވޭތަކުން ހާމަވަމުންދެ އެވެ. ޚާއްސަކޮށް މިމައްސަލަ ކުރިމަތި ވަނީ އުމުރުން 45 އަހަރުން މަތީ އަންހެނުންނަށް ކަމަށްވެ އެވެ. އެމެރިކާގެ އަންހެނުންގެ ޖަމްޢިއްޔާތަކުން ވަނީ މިބޭހަށް އަންހެނުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމެރިކާގެ ކަންކޮޅުތަކުގައި ހިންގަން ފަށާފަ އެވެ. އަދި އެޖަމްއިއްޔާތަކުން ވަނީ މިބޭސް ބާޒާރަށް ނެރުމަކީ އަންހެނުންނަށް ޓަކައި ކުރިއަށް އެޅި ފިޔަވަޅެއްކަމަށް ސިފަކޮށްފަ އެވެ.

ޖިންސީ ނުކުޅެދުންތެރިކަމުގެ އެތައް ވައްތަރެއް ވާއިރު މިހުރިހާ ނުކުޅެދުންތެރިކަމެއް ވެސް "ވިއެގްރާ އަންހެން" ބޭހުން ވަރަށް ބޮޑަށް ހައްލުވާކަމަށް އެބޭސް ބޭނުންކުރާ ފަރާތްތަކުން ބުނެ އެވެ. "ވިއެގްރާ އަންހެން" ބޭހަކީ ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ސިޓީއަށް ދޫކުރާ ބޭހެއްގެ ގޮތުގައި އެމެރިކާގެ ފެޑްރަލް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ހަމަޖައްސާފަ އެވެ. (އާރުޓީ ޑޮޓްކޮމް)