07 Sep 2015, 09:08
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި ފާސްކުރި ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ ބިލާއި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލު ރައީސުލްޖުހޫރިއްޔާ އަބްދުﷲ ޔާމީނު ތަސްދީގު ކުރައްވައިފި އެވެ.
އެ ދެ ބިލު ރައީސް ޔާމީނު ތަސްދީގުކުރެއްވީ އިއްޔެ އެވެ.
ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ ބިލަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެކެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރަން ކޮމިޝަނެއް އުފެއްދުމަށް ކަމަށެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސަކު އައްޔަންކުރަން ޖެހެނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރަ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
ކާރިސާއާ ބެހޭ ގާނޫނަކީ ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލެކެވެ. އެ ބިލުގައި ބުނެފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި ގިނަ މަސްއޫލިއްޔަތުތަކަކާ އެކު "ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ" އެއް އުފައްދަން ޖެހޭނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ، ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީއެއް އުފައްދަން ޖެހޭނެ ކަމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ އެ އޮތޯރިޓީ އުފެދުމާ އެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި އެތަނުގެ އެންމެހާ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނާ އެފަރާތްތަކުގެ އެންމެހާ ހައްގުތަކާއި އިލްތިޒާމުތައް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއަށް ބަދަލުވާނެ ކަމަށެވެ.
އޮތޯރިޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗީފް އެގްޒެކެޓިވެއް އަދި ޑެޕިއުޓީ ޗީފު އެގްޒެކެޓިވެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭ ކަމަށް ވެސް އެ ބިލްގައިވެ އެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ނެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ހުރިހާ ވަޒީރުން ހިމެނިވަޑައިގަންނަވާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ކައުންސިލެއް އެ ގާނޫނަށްއަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އުފައްދަން ޖެހެ އެވެ.
އެ ކައުންސިލުގެ މަގުސަދަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ތައްޔާރުވެ ތިބުމާއި ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާތަކުން އިޔާދަވުމާ ބެހޭ ނިންމުންތައް ނިންމާއި ގައުމީ ސިޔާސަތުތައް ކަނޑައެޅުމެވެ.