07 Sep 2015, 12:40
ޗައިނާގެ ހުޅަނގު އުތުރަށް މިހާރު ކުރަމުންދާބޯ ވިއްސާރައިގެ ސަބަބުން 16،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ހުނާން ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތައް ހަލާކުވެ ބައެއް ސަރަހައްދުތަކުން ކަރަންޓު ވަނީ ކެނޑިފަ އެވެ.
ހުނާން ޕްރޮވިންސުގެ ފްލަޑް ކޮންޓްރޯލް ރިލީފް އޮފީހުން ބުނާ ގޮތުން ވިއްސާރައިގެ އަސަރު 12،000 މީހުންނަށް ކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެފައިވާ ކަމަށް އަދި ސާފެއް ނުވެ އެވެ.
ޗައިނާ އަށް ކުރަމުންދާބޯ ވިއްސާރައިގެ އަސަރު އެންމެ ގަދަ އަށް ކޮށްފައި ވަނީ ހުއަޔުއާން ކައުންޓީ އަށެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެ ސަރަހައްދަށް 150.4 މިލިމީޓަރުގެ ވާރޭވެހިފައިވާ އިރު، މިއަދު ވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
މައުލޫމާތު: ޒިންހުއާ ނިއުސް