17 Mar 2011, 07:36
އިދިކޮޅު ފަރާތްތަކުގެ ތެރޭ ބާއްވާ ރިޔާސީ ޕްރައިމައިރީއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވައިފިނަމަ ގާސިމްގެ ރަނިންމޭޓަކަށްވެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިޓީވީއަށް ރޭ ޔާމީން ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އޭނާ އިއުލާނުކޮށްފައިވާ ކުރުމަކީ އޭނާގެ އަމިއްލަ ފުޅު ޝައުގުވެރި ކަމެއް ކަމަށާއި ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރައްވައި އެހެން ބޭފުޅަކު ކާމިޔާބު ކުރެއްވުމުން އެބޭފުޅެއްގެ ފަހަތް ޕުޅަށް ވަޑައިގަތުމަށް އަދި ޕީއޭގެ ރިޔާސީ ޕްރައިމަރީއެއްގައި އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބިޖެ ނަމަ އެބޭފުޅެއްގެ ފަހަތަށް ވަޑައިގަތުމަށް، އޭނާގެ ޝައުގުވެރިކަން ހުރަސް ނާޅާ ކަމަށެވެ.
އިދިކޮޅު ފަރާތްތައް ގުޅި، އެފަރާތްތަކުގެ މެދުގައި ބާއްވާ ރިޔާސީ ޕްރައިމަރީއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވައި ޔާމީން ރަނިން މޭޓަކަށް ނަގައިފިނަމަ ގަބޫލު ކުރައްވާނެތޯ ސުވާ ކުރުމުން ޔާމީން ވިދާޅުވީ "އެކަމާ އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.
"ހަމައެއްވެސް ޝައްކެއް ނެތެއް ނޫންތޯ؟ ގާސިމްގެ ރަނިމޭޓުގަނޑު ގަބޫލު ކުރާނަން. އަޅުގަނޑު ހުންނާނީ ގާސިމްގެ ފަހަތުގައި." ޔާމީން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި ރަނިންމޭޓެއް ނެގުމަށް ވެސް އޭނާ އެންމެ ރުހެނީ ޕްރައިމަރީއަކުން ކަމަށެވެ.
ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ޕާޓީއެއް ހައްދަވައިފިނަމަ ގުޅިވަޑައިގަންނަވާނެތޯ ސުވާލު ދެންނެވުމުން ޔާމީން ވިދާޅުވީ މައުމޫން ޕާޓީއެއް ހަދާކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި ޕާޓީއެއް ހެއްދެވި ނަމަވެސް މައުމޫނަށް ވާގި ދެއްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި މައުމޫނު ވާދަ ކުރައްވާނަމަ ވެސް މައުމޫނަށް ތާއިދު ކުރައްވާނެ ކަމަށެވެ.
ދިޓީވީގެ އިންޓަވިއުގައި ޑީއާރްޕީ ޕީއޭ ކޮއިލިޝަނަށް ވެސް ޔާމީން އިޝާރާތް ކުރެއްވެވި އެވެ. އޭނާ ވިދާޅުވީ "ކަރުދާހުގައި ލިޔެފައި އޮތް ސައްހަ އެގްރިމެންޓަކާއެކު ކޮއިލިޝަން އެބައޮތް" ކަމަށާއި އެހެން ނަމަވެސް "އެއީ ކަރުދާހުގައި އޮތް އެއްޗެއް" ކަމަށެވެ. ޔާމީން ވިދާޅުވީ ކޮއިލިޝަން އަދި ރޫޅިފައި ނުވާ ކަމަށާއި ނަމަވެސް ދެޕާޓީގެ ކޮއިލިޝަން ރޫޅައިލުން ނުވަތަ އެކަމަށް ގޮތެއް ނިންމުމުގެ ރޫހެއް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ކައުންސިލުގެ މެންބަރުންގެ ތެރޭގައި އުޅޭ ކަމަށެވެ. އެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށެވެ.
"އަދިއެއް އެކަމެއް ކައުންސިލަކަށް ނާދޭ. އަޅުގަނޑު އިންތިޒާރު ކުރަނީ އަންނާނެ ވަގުތަކަށް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ވާހަކަ ޔާމީން ދައްކަވާއިރު މުޒާހަރާތަކުގައި ބައިވެރިވެޑައި ނުގަންނަވަނީ ކީއްވެގެންތޯ ދެންނެވުމުން ޔާމީން ވިދާޅުވީ މުޒާހަރާ ކުރުމަށް "މުލީއާގެ ދޮށަށް ގޮސް ތޮއާފުކުރުން" އޭނާ ގަބޫލު ނުކުރައްވާ ކަމަށާއި ގައުމީ ދިފާއި ބާރާއި ފުލުންގެ މަރުކަޒުތައް ވަށައިލައިގެން ކުރާ މުޒާހަރާތަކަށާއި މުލީއާގެދޮށުގައި ކުރާ މުޒާހަރާތަކަށް އޭނާ ވަޑައި ނުގަންވާނެ ކަމަށެވެ.
"އެކަމަކު މުޒާހާރާ ކުރަންޖެހޭނެ އެކަން ކުރަންވާނީ، ހުއްދަ ކުރެވިފައިވާ ތަންތަނުގައި، އެއޮންނަ އުސޫލަކުން،" ޔާމީން ވިދާޅުވި އެވެ.