ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ދެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00އަށް އައްޑޫ ސިޓީގައި އިމިގްރޭޝަނުން ހިންގި ޕްރޮގްރާމެއްގައެވެ.

އިމިގްރޭޝަނުން އިސްނަގައިގެން ފުލުހުންނާ ގުޅިގެން ހިންގި އެ ޕްރޮގްރާމަކީ އައްޑޫ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ބިދޭސީން ގަވާއިދާ އެއްގޮތަށް ގެންގުޅުމަށް އާންމު ފަރާތްތަކަށް ބާރުއެޅުމުގެ އިތުރުން ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭނެ ގޮތުގެ މައުލޫމާތު އެ ސިޓީގެ ރައްޔިތުންނަށް ދިނުމަށް ހިންގި ޚާއްސަ ޕްރޮގްރާމެކެވެ.

އިމިގްރޭޝަނުން ބުނީ އެ ޕްރޮގްރާމްގައި އައްޑޫ ސިޓީގައި ދަނޑުވެރިކަންކުރަން އުޅުނު ބިދޭސީން ސްކްރީންކޮށް އެމީހުންގެ ތެރެއިން ގަވާއިދާ އެއްގޮތަށް ވިސާ ފީ ނުދައްކާ ފަރާތްތަކަށް އެކަން ކުރުމަށް ފުރުސަތުދީފައިވާ ކަމަށެވެ.

އެފަދަ ޕްރޮގްރާމެއް މިމަހުގެ ހަތަރު ވަނަ ދުވަހު ނ. ވެލިދޫގައި ވެސް ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ފުލުހުންނާއި ވެލިދޫ ކައުންސިލަށް އަމާޒުކޮށްގެން ހިންގި އެ ޕްރޮގްރާމްގައި އެރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.