ހިއުމަންރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސާ މަރިޔަމް އަޒުރާ އަހްމަދަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަޒުރާ އައްޔަން ކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ.

އަޒުރާގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވަނީ ޑރ. ހާލާ ހަމީދާއި އާމިނަތު އާތިފާ އާއި ފާތިމަތު ޝީރީނެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އަޒުރާ އައްޔަން ކުރައްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އޭރު އައްޔަން ކުރެއްވި ކޮމިޝަންގެ ދައުރު ހަމަވުމުން އެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި ވެސް އޭނާ ކުރިމަތިލެއްވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އަޒުރާއަށް ރުހުން ދެއްވާފައެއް ނުވެއެވެ.