ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރަމުންދާ 13 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ހާޒިރުވާން އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އިބްތިދާއީ އަޑުއެހުމަށް ހާޒިރުވާން އެ ކޯޓުން ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އެ ކޯޓުން އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ އެއީ ދޮގެއް ކަމަށެވެ.

"އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވުމަށް މުހައްމަދު ނަޝީދަށް ހައިކޯޓުން ވަނީ ސިޓީއެއް ފޮނުވާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްސަލަ ބަލައިގަތުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވާން އެމަނިކުފާނު ބޭނުންފުޅުނަމަ މިއަދު މެންދުރު 2:00 ގެ ކުރިން އެކަން ހައި ކޯޓަށް އެންގުމަށް އެ ކޯޓުން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައި ވަނީ އެއީ ހަގީގަތުގައި ވެސް ހައިކޯޓުން ފޮނުވާފައިވާ ސިޓީއެއްތޯ ބަލާނެ ކަމަށެވެ.

ގާނޫނީ ޓީމުން އެހެން ބުނެފައި ވަނީ ރައީސް ނަޝީދުގެ ޖަލުހުކުމުގެ ބާކީ އޮތްބައި އެއްކޮށް ގޭބަންދަށް ބަދަލުކުރިކަން ބަޔާންކޮށް ކަރެކްޝަނަލް ސާވިސްގެ ލެޓަހެޑާއި ތައްގަނޑު ޖަހާފައިވާ ސިޓީއެއް ޓައިއެއް އަޅައިގެން ހުރި މީހަކު އެމަނިކުފާނާ ހަވާލުކޮށްފައި ވަނިކޮށް، އެއީ ކަރެކްޝަނަލް ސާވިސް އިން ފޮނުވި ސިޓީއެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާތީ އެވެ.

ރައީސް ނަޝީދަށް އެ ލިޔުން ހަވާލުކުރި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަރެކްޝަނަލް ސާވިސް އިން އެދުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެމީހާ ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަން މިހާތަނަށް ފުލުހުން ބުނެފައެއް ނުވެއެވެ.