17 Mar 2011, 02:57
ޕެރިސް : ޔޫރަޕްގެ އިއްތިޙާދުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފާނެ ކަމަށް ފަރަންސޭސިވިލާތުން ހާމަކޮށްފިއެވެ.
ޚާރިޖީ ވަޒީރު އެލަންޖުޕޭ ވިދާޅުވީ ޔޫރަޕްގެ ގިނަ ދައުލަތްތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށް ޝައުޤުވެރިވާ ކަމުގައެވެ. ނަމަވެސް ޔޫރަޕްގެ ވިސްނުންހުރީ ކޮންމެ ދައުލަތަކުން ފަލަސްތީނުގެ ދައުލަތަށް ވަކިން އެއްބަސްވުމުގެ ބަދަލުގައި ޔޫރަޕްގެ އިއްތިޙާދުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަންސޭސި ޚާރިޖީ ވަޒީރުގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން މަސްއޫލުވެރިންވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމުގެ މުހިއްމު ކަމާބެހޭގޮތުން އެކިފަހަރުމަތިން ވާހަކަ ދައްކަވާފަ އެވެ.
ފަލަސްތީނުގެ ޒާތީ އިދާރާއިން ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް ޔޫރަޕްގެ އިއްތިޙާދުގެ ރުހުން ހޯދުމަށް ވަރަށް ބޮޑަށް ކޭންޕޭން ކުރަމުންނެވެ. ޔޫރަޕާއި އެމެރިކާއިން އިސްރާއީލާމެދު އެއްކަހަލަ ސިޔާސަތެއް ގެންގުޅުނު ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ނިކަމެތި ޙާލަތަށް އެމެރިކާއަށްވުރެ ބޮޑަށް ޔޫރަޕުން ހަމްދަރްދީ ވާކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
1989 ގައި އިޢްލާންކުރި ފަލަސްތީނުގެ މިނިވަން ދައުލަތަށް ދުނިޔޭގެ ގިނަ ޤައުމުތަކުން މިހާރުވަނީ ގަބޫލުކޮށްފަ އެވެ. އަދި އިސްރާއީލުގެ އިސްތިޢްމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ ޖިހާދަށް އެމެރިކާފަދަ ޔަހޫދީ ޒަޔަނިސްޓުންގެ ނުފޫޒު ވަރުގަދަ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުގެ ރައްޔިތުން ތާއީދުކުރެއެވެ. ފަލަސްތީނުގެ ޒާތީ އިދާރާއިން މިހާރު ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީ ސިފައެއްގައި އިޢްލާންކޮށް ދައުލަތެއްގެ ޙައިޘިއްޔަތުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ޙަރަކާތްތެރި ވުމަށެވެ.
މިގޮތަށް ނިންމީ އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް ދައްކައިގެން ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްޤުތައް ލިބޭނެގޮތް ނުވުމުންނެވެ. -- ނޫސްއެޖެންސީތައް