08 Sep 2015, 13:30
ރާއްޖޭގެ ގައުމީ ޓީމް އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ނިކުންނައިރު ގައުމީ ޓީމްގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދުގެ ވާހަކަ ދެކެވޭނެ އެވެ. އިމްރާނަކީ މިހާރު ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން ފުޓްބޯޅައިގެ އެންމެ ތަޖުރިބާ ބޮޑު އެއް ސިކުނޑިއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއް ކަމުގައިވާ ޗައިނާއާ ދެކޮޅަށް ނިކުންނައިރު ވެސް ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ޢިމްރާން ޓީމުގައި ނެތުމުގެ މައްސަލަ އެވެ.
ރާއްޖޭއާއި ޗައިނާގެ ފުޓުބޯޅައިގެ ކުރިމަތިލުންތަކުގެ ވާހަކަ ދައްކާނަމަ ގައުމީ ޓީމްގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދުގެ ވާހަކަ ދައްކަން ޖެހެ އެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އަނިޔާގެ ސަބަބުން ވަގުތީ ގޮތުން ގައުމީ ސްކޮޑްގައި ނުހިމެނު ނަމަވެސް އިމްރާންގެ ވާހަކަ ދައްކަން ޖެހޭނީ އޭނާއަކީ ޗައިނާއާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ އެންމެ ބޮޑު ކުޅުންތެރިޔާއަށް ވާތި އެވެ.
ޗައިނާއާ ރާއްޖެ މީގެ ކުރިން ދެ ފަހަރު ބައްދަލުކޮށްފައިވާއިރު އެ ދެ މެޗުގައި ވެސް ރާއްޖޭގެ ގޯލް ބެލެހެއްޓީ އިމްރާނެވެ. ދެހާސް ދެ ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު މެޗުގައި ޗައިނާއާ ދެކޮޅަށް އެ ގައުމުގައި 2001 ވަނަ އަހަރު އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންވެ.
ނަމަަވެސް އޭގެ ފަސް ދުވަސް ފަހުން އޭޕްރީލް 28 ވަނަ ދުވަހު ރާއްޖޭގައި ކުޅުނު މެޗުގައި ޗައިނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗްގައި އިމްރާންގެ ފައިފުރޮޅައިގެން ދިޔައިރު ވެސް އޭނާ ވަނީ ޗައިނާގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
އެއީ މިގެ 14 އަހަރު ކުރި އެވެ. ޗައިނާގެ ފުޓްބޯޅައިގެ އެ ބެޗްގެ ގިނަ ކުޅުންތެރިން ރިޓަޔާ ކުރިއިރު ޗައިނާ އާއި ރާއްޖޭގެ މީހާރުގެ ޓީމްގައި ވެސް ފުޓުބޯޅައިގެ އެންމެ ތަޖުރިބާ ހުރި ނަމަކަށް ވެގެންދާނީ އިމްރާންގެ ނަމަވެ.
ޖޫން މަހު ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗްގައި އިމްރާން އިންޖަރީ ނުވިނަަމަ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗްގައި އެ ތަޖުރިބާ ހިއްސާ ކުރަން އިމްރާން ހުރީހެވެ. ނަމަވެސް ގޯލްގައި އިމްރާނެއް ނެތެވެ.
ދިވެހި ފުޓްބޯޅައަށް މުހިންމު މި ދަނޑިވަޅުގައި އިމްރާން ނެތުމަކީ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ވަރަށް ބޮޑު ދެރަ ކަމެކެވެ. އެންމެ ދެރަ ކަމަކީ އިމްރާން ނެތް އިރު އެ ފެންވަރުގެ ތަޖުރިބާ ހުރި އެހެން ކީޕަރެއް އެ ފާރު ގަނޑު ފަސޭހަ ކުރުމަށްޓަކައި ނެތުމެވެ.
މިއި "ޒަމާނީ ވުމުގެ" ނަމުގައި ކުލަ ޖެހެމުންދާ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު އުނިކަމެކެވެ. މިއީ ދިވެހި ފުޓްބޯޅައިގައި މިހާތަނަށް ކުރިމަތިވެފައި ނެތް ހާލަތެކެވެ.
އެއީ ދިވެހި ފުޓްބޯޅައިގެ ކީޕަރުންގެ ކަންކަމުގައި ތަކުރާރުވެފައިވާ މަންޒަރު މިހާރު "ޒަމާނީ ކުލަ" ޖެހިފައިވާ ދިވެހި ފުޓްބޯޅައިގައި ތަކުރާރުވެފައި ނެތުމެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރުން ފެށިގެން ގައުމީ ޓީމްގެ ގޯލް ބަލަހައްޓަމުން ދިޔަ ހުނަރުވެރި ގޯލްކީޕަރު ސައީދު އަލީގެ ފަޔަށް 1989 ވަނަ އަހަރު ކުރިމަތިވި އިންޖަރީއާ ގުޅިގެން އޭނާގެ ރިޕްލޭސްމެންޓަކަށް ގޯލް ބަލަހައްޓަން ނިކުތީ ކުރިން ވިކްޓްރީއަށް ކޯޗްކޮށްދިން އަދި އެޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ މަޝްހުރު ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.
ގައުމީ ޓީމްގެ ގޯލް ދިހަ އަހަރު ވަންދެން ބެލެހެއްޓި ސައީދު އަލީ އިންޖަރިވުމުން ރިޕްލޭސްމެންޓަކަށް އައި ކީޕަރު މައުރުފް އަހްމަދު ފާހަގަ ކުރެވުނީވެސް މޮޅު ކީޕަރެއްގެ ގޮތުގައެއެވެ. އެއަށްފަހު އެކި ފަހަރުމަތިން ގައުމީ ޓީމްގެ ގޯލް ބެލެހެއްޓި އެކިއެކި ކީޕަރުން ކަމަށްވާ މުހައްމަދު ރަޝީދު (މަބޫ) އާއި ގައުމީ ޓީމްގެ މިހާރުގެ ޓްރެއިނާ އަސްލަމް އަބްދުއް ރަހީމާއި ވެލެންސިއާގެ މިހާރުގެ އެސިސްޓެންޓް ކޯޗް މުހައްމަދު އިގުބާލާއި ކުރީގެ ފުޓްބޯޅައިގެ ބާރު ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސްއަށް ކުޅުނު އިސްހާގު އީސާއާއި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމައީލް ޒަރިއަންދުމެން ފަދަ ގޯލްކީޕަރުންނަކީވެސް އެއް ކީޕަރަކު ނެތިއްޔާ ކީޕަރުންގެ ރިޕްލޭސްމެންޓް ކުރެވޭ ފަދަ ކީޕަރުންނެވެ.
އެއީ ދިވެހި ފުޓްބޯޅައިގެ މަޒީއެވެ. އެދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. އެކީޕަރުންވެސް ފުޓްބޯޅަ ދަނޑުތައް ދޫކޮށް ހިނގައްޖެއެވެ.
ނަމަވެސް މިއަދު ދިމާވެގެން މިއުޅޭ މައްސަލައަކީ އެއްވަނަ ކީޕަރު ނެތުމުން އެފެންވަރުގެ އެހެން ކީޕަރެއް ނެތުމުގެ މައްސަލައެވެ. މިއީ ދިވެހި ފުޓްބޯޅައަށް ޓެކްނިކަލީ ކުރިމަތިވި ބޮޑު މައްސަލައެކެވެ.
މިހާލަތު ފޫބެއްދުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން އުޅޭނީވެސް ދުރާލައި އަޅަން ޖެހުނު ޓެކްނިކަލް ފިޅަވަޅެއް އެޅިފައި ނެތުމުގެ ސަބަބުން ކަމަށް ސަން އަށް އިންޓަވިއު ދެއްވި ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކުން ގަބޫލު ކުރެއެވެ.
ކުރީގެ މަޝްހޫރު ގޯލްކީޕަރު ޒަރިންޔަދުގެ ނަޒަރުގައި ކީޕަރުން އެފެއްދުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މަސްއޫލިއްޔަތު ހަވާލުވެ ތިބި ފަރާތްތަކަށް މަސައްކަތް ކުރެވުނު ނަމަ މިހާލަތު މެދުވެރިވުމުން އެކަން ފަސޭހައިން ފޫބެއްދުނީހެވެ.
"ހަގީގަތުގައި ނުފެނޭ ކީޕަރުން އުފެއްދުމަށް މަސައްކަތްތަކެއް ކުރެވޭނެ ތަނެއް. ކޮންމެ ކީޕަރެއްވެސް އުފެދެން މިޖެހެނީ އަމިއްލައަށް. ކީޕަރުންނަކީ އެހެން މަގާމުތައްކަށް ކުޅުންތެރިން ކުޅޭހެން ކުރެވޭނެ ކަމެއްނޫން. ޚާއްސަ ޓްރޭނިންގ ތަކަކުން އެކަން ކުރެވޭނީ. ނަމަވެސް ނުފެނޭ އެޓްރޭނިންގތައް ފޯރުކޯށްދީގެން ކީޕަރުން އުފެއްދުމަަށް މަސައްކަތް ކުރާ ތަނެއް،" ޒަރިޔަންދު ބުންޏެވެ.
ޒަރިޔަންދު ބުނިގޮތުގައި ރާއްޖޭގައި ކީޕަރުންނަށް ދޭ ޓްރޭނިން މާ ސޮފްޓްކަމަށާއި ގިނަ ކީޕަރުންނަށް ބޮޑެތި މެޗްތަކުގައި ކުޅެން ފުރުސަތުު ނުލިބުމަކީވެސް މިމައްސަލައަށް ކުރިމަތިވެފައިވާ އިތުރު ގޮންޖެހުމެކެވެ.
ގައުމީ ޓީމްގެ ކީޕަރު ޓެރެއިނާ އަސްލަމް އަބްދުރަހީމް ޖުލައި މަހު ސަންއަށް ދިން އިންޓަވިއުގައި ބުނީ މޮޅު ކީޕަރުން އުފެދުނު ނަމަވެސް ބައެއް ކީޕަރުންގެ ޑިސްޕިލިން ހުންނަ ގޮތުން ކުރިއަށް ދިއުމަށް ހުރަސް އެޅޭ ކަމަށެވެ.
އަސްލަމް އެ އިޝާރާތް ކުރީ އޭނާ ކޯޗްކަމުގެ ދަށުން ތަމްރީން ވަމުން ދިޔަ އީގަލްސްއަށް ސީޒަންގެ ކުރިކޮޅުގައި ކުޅުނު ޒުވާން ގޯލް ކީޕަރު އިބްރާހީމް ލަބާން ޝަރީފް ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރުމުން އޭނައަށް މެދުވެރިވި ހާލަތުގެ މައްޗަށެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި "ބޮޑު މުޒާހާރާ"ގައި ފުލުސް މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކްލަބުގެ ފަރިތަކުރުން ތަކުގައި ހުއްޓައި ފުލުހުން ވަނީ ލަބާން ހައްޔަރުކޮށްފައެވެ.
ހަމައެޔާއެކު އިމްރާނަށް އިންޖަރީ ވިއިރު އޭނާގެ ފަހަތުން ގައުމީ ޓީމްގެ ދެ ވަނަ ގޯލްކީޕަރެއްގެ ގޮތުގައި ހުރި މުހައްމަދު ފައިސަލް ވެސް އިންޖަރީގައި ހުރުމަކީ ކީޕަރުންގެ މައްސަލައިގައި ގައުމީ ޓީމަށް ކުރިމަތިވެފައިވާ އިތުރު ބޮލުގެ ރިހުމެކެވެ.
ކުޑަ އިމްރާނާ މެދު ކުރެވޭ އުންމީދު
ޗައިނާގެ މެޗަށް ނިކުންނައިރު ގޯލްގައި އިމްރާން މުހައްމަދު ނެތް ނަމަވެސް އެ މެޗްގައި ދިވެހިން އުމީދު ތަކާ ގުޅިފައިވާ ކީޕަރަކީ ވެސް ޢިމްރާނެކެވެ. އެ މެޗްގައި ރާއްޖެކޮޅަށް އަންނަ ހަމަލާތައް ދިފާއު ކުރުމުގައި މޭސްތިރިއަކީ ޓީސީގެ ގޯލް ކީޕަރު މުހައްމަދު އިމްރާން (ކުޑަ ޢިމްރާން) އެވެ. ކުޑަ އިމްރާނަކީ ހުނަރުވެރި މޮޅު ކީޕަރެކެވެ. ގައުމީ ޓީމްގައި މާގިނަ މެޗްތަކެއް ފުރަތަމަ އެގާރައިގައި ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް އޭނާ ވަނީ ގަލޮޅު ދަނޑުގައި އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ކުޑަ އިމްރާން ވަނީ ނުރައްކާތެރި ސޭވްތަކެއް ކޮށްފަ އެވެ. އެންމެ ފަހުން ފިލިޕީންސާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗްގައި ވެސް ކުޑަ ޢިމްރާން ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
ޗައިނާގެ މެޗަށް ގައުމީ ޓީމްގެ ކޯޗްގެ މަސްޢޫލިއްޔަތު އުފުލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް (އިންމަ) ބުނީ "މިފަހުން ކުޅުނު ގިނަ މެޗްތަކުން ގައުމީ ޓީމްގެ ބޮޑެތި މެޗްތަކަށްވެސް އެއް ވަަނަ ގޯލް ކީޕަރަކަށް ކުޑަ ޢިމްރާން ފައްކާވަމުން" އަންނަކަމަށެވެ.
މަހްފޫޒްގެ ނަޒަރުގައި ރާއްޖޭގެ ކީޕަރުންނަށް ބޭނުންވަނީ ގިނަ މެޗްތަކެއް ކުޅެން ފުރުސަތު ލިބުމެވެ. ކީޕަރުންގެ ހުނަރު ތަރައްގީ ކުރުމަށް ވެސް އޮތް ފޯމިއުލާއަކި އެއީއެވެ.
އެއް ވަނަ ކީޕަރު ޢިމްރާން ވެސް ބުނީ ކުޑަ އިމްރާންއަކީ 100 ޕަސަންޓް ކެޕޭބަލް ކީޕަރެއް ކަމަށާއި އެކަމަށް ބުރަކޮށް މަސައްކަތް ކުރާ ކީޕަރެއް ކަމަށެވެ. އަދި ހުދު އޭނާގެ ފަރާތުން ވެސް ގިނަ އެއްޗިހިތަކެއް އަހައި އޮޅުން ފިލުވައިގެން ކުރިއަަރަން ބުރަކޮށް މަސައްކަތް ކުރާ ކީޕަރެކެވެ. އެކަން ކުޑަ އިމްރާން ވަނީ ވޭތުވެދިޔަ މެޗްތަކުގައި ސާބިތުކޮށްދީފައެވެ.
"ކުޑަ އިމްރާންއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކީޕަރެއް. މިވަގުތު އޭނާ އެހުރީ ގައުމީ ޓީމްގެ ގޯލްގައި އޭނާއާ މެދު އަހަރެން ޔަގީންކަން އޮވޭ. ބައިނަލްއަގުވާމީ މެޗްތަކުގެ ތަޖުރިބަ މަދުވިޔަސް އެނާގެ ފަރާޓުން ފެންމުންދާ މަސައްކަތާ މެދު ވަރަށް ހިތް ހަމަޖެހޭ" ގައުމީ ޓީމްގެ އެއް ވަނަ ގޯލް ކީޕަރު އިމްރާން ބުންނެވެ.
އިމްރާން ނެތުމުގެ ތަހަންމަލާއެކު ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންނާއި ޓެކްނިކަލް ފަރާތްތަކާއި ޓްރޭނަރުންނާއި ކޯޗުން މި ވަނީ ދިވެހި ފުޓްބޯޅައިގެ މާޒީ ބަލައި މުރާޖާ ކުރަން ޖެހިފަ އެވެ. ގައުމީ ޓީމްގެ ގޯލްގައި ހުންނަ ކީޕަރު ގެ ހުނަރުވެރިކަން މޫނު ބަދަލުވިޔަސް އެއްވަރެއްގައި ހުނަރު ހިފެހެއްޓޭނެ ގޮތަކީ ރާއްޖޭގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމްގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. ޒުވާން އުމުރުގައިވެސް އެކި އުމުރުފުރާގެ ޓީމްތަކަށް އިންޓަނޭޝަނަލް މެޗްތަކެއް ކުޅެން ފުރުސަތު ލިބިގެންނެވެ.
ސައީދު އަލީމެން ފަދައިން އިމްރާންއަށްވެސް ބްރޭކް އަންނަ ވަގުތުގައި އެކަން ފޫބެއްދޭން އޮތްގޮތަކީ އެއީއެވެ. އެއީ ދުރާލައި އެކަށައެޅޭ ޕްލޭންތަކުގެ މަތިން ކުރެވޭ ކަންކަމެވެ. ދިވެހި ފުޓްބޯޅައިގެ ކުރިމަގަށްޓަކައެވެ.