ލ. ގަމުން: ޢަލީ ވާފިރު އާދަމް

ސައުތުސެންޓްރަލް ޕޮލިސް ޑިވިޝަނުން އިސްނަގައިގެން ފުޓްބޯޅަ އެކަޑަމީ އޮފް ލާމު އިހައްދޫއާއި ގުޅިގެން ގުރާސްރޫޓްސް ފުޓްބޯޅަ ފެސްޓިވަލް 2015ގެ ނަމުގައި ލ. ގަން އިހައްދޫ ސްކޫލްގައި ފުޓްބޯޅަ ފެސްޓިވަލްއެއް ބާއްވައިފިއެވެ.

ގަމުގެ ހުރިހައި އަވަށެއްގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން އެއްތަނަކުން ބައްދަލްވެ އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމާއި، ގަމުގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެއްތަނަކުން ބައްދަލްވުމުގެ ފުރުޞަތު މިފެސްޓިވަލްގެ ސަބަބުން ވަނީ ލިބިގެން ގޮސްފައެވެ.

ސައުތުސެންޓްރަލް ޕޮލިސް ޑިވިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ މި ފެސްޓިވަލް އަކީ ކުށްކުރުމުން ދުރުވެގެންވާ މުޖުތަމައުއެއް ބިނާކުރުމުގެ މަތިވެރި މަގުޞަދުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލް އެއްކަމުގައެވެ. އަދި މިފެސްޓިވަލްގެ ސަބަބުން ކުޑަކުދިންގެ ހިތުގައި ފުޓްބޯޅައަށް ލޯބިއިތުރުވެގެން ދިއުމާއި، އެކުދިން ހޭލުންތެރިވަމުން އަންނައިރު ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެ ކުށުންބަރީއަވެގެންވާ ދަރިވަރުންތަކަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

އެކަޑަމީ އޮފް ލާމު އިހައްދޫއާއި ފުލުހުން ގުޅިގެން ލ. ގަމުގައި ކުރިއަށް ގެންދިޔަ ގްރާސްރޫޓްސް ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން -- ސަން ފޮޓޯ: އަލީ ވާފިރު

ލ. ގަމާއި ލ.އަތޮޅުގެ އިތުރުން މުޅިޤައުމަށް ރީތިނަމާއި ޝަރަފް ހޯދައިދޭނެ ރަނގަޅު ކުދިންތަކެއް ބިނާކޮށް، މުޖުތަމައުއަށް ނުކުންނައިރު އެ ކުދީންނަކީ އަޚްލާގު ރަނގަޅު ކުރިމަތިލާންކެރޭ މަގުޞަދު ހާސިލް ކުރުމުގައި ފަސްނުޖެހޭނެ ރަނގަޅު ކުދިންތަކަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

"ކުޅިވަރުގެ ތެރެއިން މިކަން ފެށުނު ކަމުގައިވިޔަސް މީގެ ތެރޭގައި ކުށްކުރުމުން ދުރުވެގެންވާ މުޖުތަމައުއެއް ބިނާކުރުމުގެ ޙަރަކާތްތައް ކުރިއަށްދާނެ. ދަރިވަރުންނާއި ބެލެވެރިންނަށް ފުލުހުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތު ތަކެއް ވެސް މިކަމުގެ ސަބަބުން ލިބިގެންދާނެ. މި ސަރަހައްދުގައި ގެސްޓްހައުސްތަކާއި ރެސޯޓްތައް އިތުރުވަމުންދާއިރު މިކަމުގެ ސަބަބުން އަންނަން އޮތް ޖީލަށްޓަކައި ތިމާވެށި ޙިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރުވެގެންދާނެ. މިފަދަ ފެސްޓިވަލްއެއް ހަމަ މިމަހުގެ ތެރޭގައި ލ. ފޮނަދޫގައި ކުރިއަށް ގެންދިއުމަށްވެސް މިހާރު ވަނީ ނިންމާފަައި،" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

އެކަޑަމީ އޮފް ލާމު އިހައްދޫއާއި ފުލުހުން ގުޅިގެން ލ. ގަމުގައި ކުރިއަށް ގެންދިޔަ ގްރާސްރޫޓްސް ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން -- ސަން ފޮޓޯ: އަލީ ވާފިރު

ލ. ގަމުގެ ފަސް ޕްރީސްކޫލުން 159 ދަރިވަރުންނާއި އިހައްދޫ ސްކޫލުން 120 ދަރިވަރުން ބައިވެރި މި ފެސްޓިވަލް ޝަރަފްވެރި ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކުލަބުގެ ކޯޗް ޢަލީ ސުޒައިންއެވެ. މި ފެސްޓިވަލްގައި ޢަލީ ސުޒައިންގެ އިތުރުން މަޝްހޫރު ގޯލްކީޕަރު މަޢުރޫފް އަޙްމަދު (މާއްޓޭ) އާއި ސްރީލަންކާގެ ތަޖުރިބާކާރު ކޯޗް ފަކީރު ޢަލީ، އިހައްދޫ ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުންގެ އިތުރުން އެމްއެންޑީއެފްގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ. މީގެ އިތުރުން ސައުތުސެންޓްރަލް ޕޮލިސް ޑިވިޝަންގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ޓީޗަރުންވެސް މިފެސްޓިވަލްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.