17 Mar 2011, 02:41
ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ހުޅުވާލެވިފައިވާ، ވާދަަވެރި ދެފުށް ފެންނަ އިންތިހާބުތަކަށް ހަދަން އެމްޑީޕީގެ ޕާލަމެޓްރީ ގްރޫޕުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ، ކެނޑިޑޭޓް، އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ. ~
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަމްޒާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ނަމަވެސް އެ އިންތިހާބު ހަދަންޖެހޭނީ، އެއްބަޔަކު އަނެއްބަޔަކާ މައުލޫއުތަކުގައި ވާދަކުރާ އިންތިހާބަކަށް ކަމަށެވެ. އިންތިހާބެއްގައި ވާދަކުރާއިރު، ކާމިޔާބު ލިބޭނީ ކޮންމެސް އެކަކަށް ކަމަށާއި، އަދި ކޮންމެ ކެނޑިޑޭޓެއްގެ ފަހަތުގައި ތާއީދުކުރާ ބަޔަކު ތިބުމަކީ، އެކަން އަދާވާތްތެރިކަމަށް ބަދަލުކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ޕާޓީން ކުރިމަތިލާން މިއޮތީ އެތެރޭގެ އިންތިހާބާ. މި އިންތިހާބުގައި އަޅުގަނޑުމެން އެކަކު އަނެކަކާ އެބަ ވާދަކުރަން. އިންތިހާބުގައި ވާދަކުރަންވާނީ އެކިއެކި މައުލޫއުތަކާއި އެކިއެކި ކަންކަމާ ބެހޭގޮތުން. އެއްގޮތަކަށްވެސް އެކަކު އަނެކަކު ޒާތީ ކަންކަމާ ބެހުމަކީ ކުރުން ލާއިގު ކަމެއް ނޫން. އިންތިހާބުގައި ވާދަ ކުރަންޖެހޭނީ ޑިމޮކްރެޓިކް އުސޫލުތަކުން. އިންތިހާބު ނިމުމުން އަނެއްކާވެސް އެއްބައެއްގެ ގޮތުގައި އަތު ގުޅާލައިގެން ކުރަމުން އައި މަސައްކަތުގައި ކުރިއަށްދާން.
އިންތިހާބުގައި ވާދަކުރަންވާނީ އެކިއެކި މައުލޫއުތަކާއި އެކިއެކި ކަންކަމާބެހޭ ގޮތުން. އެއްގޮތަކަށް ވެސް އެކަކު އަނެކަކު ޒާތީ ކަންކަމާ ބެހުމަކީ ކުރުން ލާއިގު ކަމެއް ނޫން،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ، މިވަގުތަކީ ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށަންވީ ވަގުތުކަމަށެވެ. އަދި އެގޮތަށް މަސައްކަތްކޮށްފިނަމަ 2013ގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.