ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި "މާފިއާ"ގެ ސިފަ ޖައްސައި މުޅި ޤައުމު ވަނީ ބިރުވެރިކަމާއި ނާއުއްމީދުގެ ތެރެއަށް ގަންބާލައިފައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ކެމްޕެއިން ލީޑަރުން އުފެއްދުމަށް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ރޭ ވާހަކަފުޅުދެއްކެވިއިރު އެމަނިކުފާނުގެ ސަރުކާރަކީ ގާނޫނީ ވެރިކަމެއްގެ ކުޑަވެސް މިންވަރެއްގެ ސިފައެއްނެތް އަނިޔާވެރިކަމާއި ނާއިންސާފާއި ކޮރަޕްޝަނުގެ ލާމަސީލު ސަރުކާރެއް ކަމަށެވެ.

"އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްކަމަށް ނުބެލެވެއެވެ. އެއާއި ޙިލާފަށް އެވާހަކަފުޅު ދައްކަވާފައި އެވަނީ ރާއްޖޭގެ ޤާނޫން އަސާސީ އާއި ޑިމޮކްރަސީގެ ހަމަތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހާ ހަމަތަކުން ނެއްޓިފައިވާ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ކުޑަ ޖަމާއަތެއްގެ ބަޔަކާއި މުޙާތަބުކޮށްކަމަށް ދެކެމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނު ވެރިކަމާ ހަވާލުވެވަޑައިގެންފައި ވަނީ 25 ޕަސެންޓު ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ކަމަށެވެ. އަދި ބުނެފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމެއްނެތި ރައްޔިތުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީނު ފާހަގަ ކުރެވެނީ ރާއްޖޭގެ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި މަޤުބޫލުކަން ކުޑަ އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި ތަރައްޤީ ފަނާކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

"އަދި ސިޔާސީ ލީޑަރުންނާއި ސަރުކާރާއި އިދިކޮޅު ހިޔާލުތަކުގެ މީހުންގެ މައްޗަށް ނުހައްޤުން ޝަރީއަތްތައްކޮށް، އަދި ޝަރީއަތަކާއިނުލައިވެސް ޖަލުގައި ބޮޑެތި އަދަބުތައްދެމުންދާކަންވެސް ފާހަގަކުރަމެވެ. މިގޮތުން ރައީސް ނަޝީދުގެ މައްޗަށް ނުހައްޤުން ކޮށްފައިވާ ދައުވާއާއި އިއްވައިފައިވާ ހުކުމަކީ، މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށް މުޅި ދުނިޔޭގެ މަލާމާތް ރައްދުވެފައިވާ އަމަލެއްކަން ފާހަގަކުރަމެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާންގެ މައްޗަށް ހުކުމެއް އިއްވުމަކައިވެސްނުލައި ޖަލުގައި އަދަބުދެމުންދާކަމީ ހަގީގަތެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ފްރޭމްކޮށްގެން ޖަލުގައި ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.

ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތަކުގެތެރޭގައި ކޮރަޕްޝަނާއި ފަސާދަ ސިއްރުގައާއި ފާޅުގައި އަށަގަނެފައިވަނީ އިންތިހާ ދަރަޖައަކަށްކަން ކަންބޮޑުވުމާއިއެކު ފަހަގަކުރަމުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ކޮރަޕްޝަން އާއި ފަސާދައިގެ މައްސަލަތައް ބެލުމުގެ އެންމެހައި ދޮރުތަށް ރައީސް ޔާމީނުގެ ސަރުކާރުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި ބޮޑެތި ކުށްވެރީންނަށް ސަރުކާރުން އެހީތެރިވަމުންދާ ކަމަށްވެސް އެމްޑީޕީން ތުހުމަތުކޮށްފައި ވެއެވެ.