ޑެޕިއުޓީ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރެއްގެ މަގާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަށް ކުރައްވައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ސަން އަށް މިރޭ ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ނާދިރާ އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.

އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ޒަހާ ވަހީދު އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ ބޭފުޅުންގެ މަގާމަށް ބަދަލުގެނައި ސަބަބެއް އަދި ނޭނގެއެވެ.

މިކަމާ ބެހޭ ގޮތުން ސަން އިންދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމާއި މަގާމު މަތި ކުރުމާއި މަގާމު ދަށް ކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށެވެ.

ނަމަވެސް ވަކި ބޭފުޅެއްގެ މަގާމު ދަށްކުރިތޯ ނުވަތަ ނޫންތޯ އެއީ ރައީސް އޮފީހުން ހާމަކުރާ މައުލޫމާތެއް ނޫން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޒަހާ ހުންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.