06 Sep 2015, 18:56
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސައިން ނާޝިދު ހަމަޖައްސައިފި އެވެ.
މިހާތަނަށް ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައި ހުންނެވި ނާޝިދު އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބަދަލުކުރައްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ހަމީދު ފަހުމީ މިދިޔަ މަހު އިސްތިއުފާދެއްވުމުންނެވެ.
ޕަބްލިކް ޕްރޮސިކުއުޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ނާޝިދަށް އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމް ދެއްވުމާ ހަމައަށް އޭނާ މަސައްކަތް ކުރެއްވީ ޕީޖީ އޮފީހުގެ އެޕީލް އެންޑް ރެކޯޑްސް ޑިޕާޓްމެންޓްގައެވެ. އޭނާ އަކީ މިއަދާ ހަމައަށް އެ ޑިޕާޓްމަންޓުގެ ވެރިޔާއެވެ.
ނާޝިދަކީ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތައް ފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.
ނާޝިދުގެ އިތުރުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ދެން ހުންނެވީ ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސާ ޖިހާދާ އަނީސެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރެއްވި ޖިހާދާ އަކީ ވެސް ދައުލަތުގެ ޕްރޮސިކިއުޓަރެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ދައުވާ އުފުލިފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ ވެސް ޖިހާދާއެވެ.