ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ދަރިވަރުންގެ ސައިންސުގެ އުފެއްދުންތައް ދައކުވައިދޭ ފުރަތަމަ ގައުމީ ސައިންސް ފެއާ "ނޭޝަނަލް ސައިންސް އެކްސްޕޯ 2015" ފަށައިފިއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ފެއާ މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އިސްކަންދަރު ސްކޫލުން ކޮލަބޮރޭޓު ކޮށްގެން މިއަދު ފެށި ފެއާގައި 26 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ފެއާގައި މާލޭގެ 15 ސްކޫލަކުން ބައިވެރި ވެފައިވާއިރު އަތޮޅުތަކުގެ 11 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މިއަދާއި މާދަމާ ކުރިއަށްދާ އެ ފެއާގައި ސްކޫލުތަކުން ޖުމްލަ 451 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސައިންސްގެ ތަފާތު 58 ޕްރޮޖެކްޓެއް އެ ފެއާގެ ތެރެއިން ފެންނާނެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ ފެއާގައި ސްކޫލުތަކުން މެތަމެޓިކްސް އާއި ސައިންސް ފަދަ ދާއިރާތަކުން އާ އީޖާދުތައް ދައްކާލުމަށް ތައްޔާރުކޮށްފައި ހުންނާނެއެވެ.

އެ ފެއާގެ ތެރެއިން ސްކޫލުކުދިންގެ ދިރާސީ މަސައްކަތްވެސް ފެނިގެންދާނެ އެވެ. މިއަދު ފެށި ފެއާގައި އޯގެނިކް ފާމިން އާއި ބަޔޯ ޑީސެލް އުފެއްދޭނެ ގޮތް ފަދަ ޕްރޮޖެކްޓްތައް ފެނިގެން ދާނެއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ސައިންސް ފެއާގައި އެކި ކެޓަގަރީތަކުން ވަނަ ވަނައަށް އައި ޕްރޮޖެކްޓްތަކަށް ވަނީ ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.

އެގޮތުން ދަރިވަރުންގެ އީޖާދުތަކަށް ވަނަ ދިނުމުގައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ ހަޔާ ސެކަންޑަރީ އާއި ސެކަންޑަރީ އަދި މިޑްލް ސްކޫލެވެ.

ހަޔާ ސެކަންޑަރީގެ ކެޓަގަރީން އެއްވަނަ ލިބިފައިވަނީ ސީނު އަތޮޅު ސްކޫލަށެވެ. ސެކަންޑަރީ ސްކޫލުގެ ކެޓަގަރީން އެއްވަނަ، ހިރިޔާ ސްކޫލުގެ ޕްރޮޖެކްޓަކަށް ލިބިފައިވާއިރު މިޑްލް ސްކޫލުގެ ކެޓަގަރީން އެއްވަނަ ލިބުނީ ކަލާފާނު ސްކޫލަށެވެ.