ރައީސް މައުމޫނުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކާ ގުޅިގެން އިންސާފުގެ މަގަށް ދިއުމަށްޓަކައި ރައްޔިތުން ކޯޓުދޮށަށް އެއްވެ އާއްމު ހަޅުތާލަކަށް ދިއުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާމަނިކު ގޮވާލައްވައިފި އެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، މިހާރު މިހިނގާ އަނިޔާވެރި އަމަލު ތަކަކީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުން ކޮށްފައިވާ ކަންކަން ނޫން ކަމަށެވެ. އަދި އެކަންކަމަކީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާގެ ސަބަބުން ފެށިގެންއުޅޭ ކަންތައްގަނޑެއްކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މިރާއްޖޭގައި މަރު އާއްމުވެގެން މިދަނީ. މީހުން މަރާފަ ތިބި ކިތަންމެ ބަޔަކު އެތިބީ އިއްޒަތްތެރިންގެ ގޮތުގައި ސިޔާސީ ޕާޓީ ހަދައިގެން. އެހެންވީމަ އެކަހަލަ މުޖުތަމައެއް ބިނާވެގެން އަންނައިރުގައި މިއަދު މަސްތުވާތަކެތީގެ ވަބާއަށް އަރައިގަންނަމުން ގެންދިޔައީ އެދުވަސްވަރު ޖަލުގައި އަނިޔާކޮށް ރަހުމް ކަނޑާލާފައިތިބި މީހުން. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުން ތައާރަފްކޮށްގެން އުޅޭކަމެއް ނޫން މިއަކީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އިންސާފުވެރި ގޮތެއްގައި ހުކުމް ކޮށްފިނަމަ، ކުރީގެ ރައީސް މައުމޫނަކީ، މަރުގެ އަދަބު ދޭންޖެހޭނެ ބޭފުޅެއް ކަމަށެވެ.

"ލާހިކެއްނޫން އޭނާ (ރައީސް މައުމޫނު) އަށް މަރުގެ އަދަބު ނުދޭގޮތަކަށް އިސްލާމީ ޝަރީއަތެއް މި ގައުމުގައި ނިންމާކަށް. ތިޔަބޭފުޅުން ނުތިއްބަވާ އެމީހުން ޝަރީއަތްތަކަށް ދާއިރުވެސް ވަޑައިގެން އަނިޔާގެ އަޑުއިއްވަވާ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވަނީ މާފުށީޖަލުގައި ކުރިން ހިނގާފައިވާ މަރުގެ މައްސަލަތައް އަލުން ތަހުގީގު ކުރުމަށް، ސަރުކާރަށާއި ތަހުގީގީ އިދާރާ ތަކަށާއި ޝަރުއީ ދާއިރާއަށް ގޮވާލައްވައިފަ އެވެ. އެގޮތުން އީވާން ނަސީމުގެ މަރުގެ މައްސަލައާއި ހުސެއިން ސޮލާހުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް މޫސަ ގޮވައިލެއްވި އެވެ.

މޫސަގެ ވާހަކާގައި އާއްމު އުސޫލުން ރޭވެސް ވަނީ މީޑިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މީޑިޔާއިން އަނިޔާވެރިންގެ އަނިޔާތައް ފޮރުވަމުން ގެންދާކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި މޫސަ ވާހަކަ ދައްކަމުން ގެންދެވިއިރު، ފޮޓޯގްރާފަރުން ފޮޓޯ ނަގަމުންދަނިކޮށް، ލޮލަށް އުނދަގޫވާކަމަށް ވެސް މޫސަވަނީ ވިދާޅުވެފަ އެވެ.

އޭނާގެ ވާހަކާގައި، އެމްޑީޕީއާ ކުރިން ކޯލީޝަން ހަދާފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ފާޑު ވިދާޅުވި އެވެ. އެ ގޮތުން ރައީސް ނަޝީދުގެ ވެރިކަން ވައްޓައިލުމަށް ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ، ގާސިމް އިބްރާހިމަކީ އެމްޑީޕީއަށް ބޭނުން ބޭފުޅެއްނޫން ކަމަށެވެ.

"މިއަދުގެ ސިޔާސީ ހަގީގަތަކީ ކޮއިލިޝަންގެ ހާލު މާބޮޑު. އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމަށް ގޮވާލަނީ އެއްގޮތަކަށް ވެސް މިޕާޓީއާ ކައިރިވެވަޑައިނުގަތުމަށް. އަޅުގަނޑުމެން ބޭނުމެއްނޫން ގާސިމެއް،" މޫސަ ވިދާޅުވި އެވެ.