06 Sep 2015, 17:16
ދިމިޝްގު (ސެޕްޓެމްބަރު 6): ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލްއަސަދުގެ ސިފައިންނާއެކު ރަޝިޔާ ސިފައިން ސީދާގޮތެއްގައި ހަނގުރާމަ ކުރަމުން ގެންދާކަމަށް ރިޔާގެ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކުން ބުނެފިއެވެ.
މިޖަމާއަތްތައް ބުނާގޮތުން ރަޝިޔާ ސިފައިންގެ އަސްކަރީ ޔުނީފޯން އަޅައިގެންތިބި ރަޝިޔާ ދަރިކޮޅުގެ އެތަށްބަޔަކު ބަރުހަތިޔާރާއެކު ސޫރިޔާގެ ހަނގުރާމައިގެ މައިދާންތަކުން މިހާރު ދަނީ ފެންނަމުންނެވެ.
އިސްރާއީލުގެ ބައެއް އަސްކަރީ ކޮމާންޑަރުންނާ ހަވާލާދީ އިސްރާއީލުގެ ނޫސްތައް ބުނާގޮތުންވެސް ސޫރިޔާގެ ވައިގެ ސިފައިންގެ ތެރެއިން މިހާރުވަނީ ރަޝިޔާގައި އުފައްދާފައިވާ އަސްކަރީ އައު ފައިޓަޖެޓްތަކާއެކު ރަޝިޔާގެ ޕައިލެޓުން ފެންނަން ފަށާފައެވެ. އިސްރާއީލަކީ ސޫރިޔާގެ ހުރިހާ ކަމެއް ބަލައި ފާރަލަމުންދާ އަދި ސޫރިޔާގެ ބޮޑު ބިމެއްކަމަށްވާ ގޯލާންގެ ބިންތަކަށްވެސް ގަދަބާރުން ވެރިވެގެނެގެންއުޅޭ ހަރުކަށި ގައުމެކެވެ.
އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އެގައުމުގެ ޕައިލެޓުންނަށްވަނީ ސޫރިޔާގެ ވައިގެ ސަރަހައްދުން ރަޝިޔާގެ މުޅިން އައު ފައިޓަޖެޓްތައް ރަޝިޔާގެ ޕައިލެޓުންނާއެކު ފެނިފައެވެ.
އަނެއްކޮޅުން އެމެރިކާވަނީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ އަސްކަރީ ދައުރު ފުޅާވަމުންދާކަމުގެ އިންޒާރު ދީ އެކަމާމެދު ކަންބޮޑުވާކަން އިއްޔެ ހާމަކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ފޯނުން ގުޅުއްވައި ސޫރިޔާގައި ރަޝިޔާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާކަމުގެ ޝަކުވާ ކުރައްވާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއް ބުނެއެވެ. ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ދިފާޢުގައި ރަޝިޔާ ސިފައިން ސޫރިޔާއަށް އަސްކަރީގޮތުން ވަދެގެންފައިވާކަމަށް އެމެރިކާ ބުނެފައެއް ނުވެއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ލާވްރޯވްވަނީ އެމެރިކާގެ ކޮމާންޑްގެ ދަށުން އައިއެސްއާ ދެކޮޅަށް ހިންގާ އެއްވެސް ހަރަކާތެއްގައި ރަޝިޔާ ބައިވެރިނުވާނެކަމަށާއި ނަމަވެސް ރަޝިޔާ އަމިއްލައަށް އައިއެސް ޖަމާއަތާ ހަނގުރާމަ ކުރަމުންގެންދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އައިއެސް އާ ހަނގުރާމަ ކުރުމަށް ސީދާގޮތެއްގައި ރަޝިޔާ ސިފައިން ސޫރިޔާއަށް ވަންކަން ރަޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)