06 Sep 2015, 17:12
ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގައި ފުރަތަމަ ފަހަރަށް ކެޑޭޓް ހަރަކާތް ތައާރަފްކޮށް، ކެޑޭޓަށް ވަން ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސް (އެމްއެންސީސީ)ގެ އެޖުޓެންޓް ލެފްޓިނެންޓު ކާނަލް އިބްރާހިމް ހިލްމީ ބައިވެރިވެވަޑައިގަތް ރޭގެ ރަސްމިއްޔާތުގައި ކެޑޭޓް ކަމުގެ ހުވާ 36 ދަރިވަރަކު ކޮށްފައިވާއިރު، ސީނިއާ ކެޑޭޓުންނަށް ރަމްޒީކޮށް ބަޑި ހަވާލުކޮށްފައިވެ އެވެ.
މުހްޔިއްދީން ސްކޫލުގެ ޔުނީފޯމް ހަރަކާތްތަކާ ހަވާލުވެ ހުންނަވާ ނާޒިމާ އަލި މަނިކު ވިދާޅުވި ގޮތުގައި، އެމްއެންސީސީގެ އިސްވެރިންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ބޮޑު އެއްބާރުލުމަކާއެކު އެ ސްކޫލުގައި ކެޑޭޓް ހަރަކާތް ފަށާފައިވަނީ އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އެވެ.
މީގެ އިތުރުން، ކުރިއަށްހުރި ޓްރެއިނިންތައް ހިންގާނީ އެމްއެންސީސީގެ އިންސްޓްރަކްޓަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމާ ވިދާޅުވީ، ކެޑޭޓް ހަރަކާތް ސްކޫލުގައި ފެށުމަށް މީގެ ދެ އަހަރު ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކޮށް ދަރިވަރުންނަށް ޑްރިލްތަކެއް ވެސް ހިންގި ކަމަށެވެ. ނަމަވެސް ދިމާވި ގޮންޖެހުންތަކެއްގެ ސަބަބުން ހަރަކާތް ފެށުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ނާޒިމާ ވިދާޅުވި އެވެ.
"މިނިވަން 50 ގެ ގައުމީ ހަރަކާތްތަކުގައި ސްކޫލުގެ ބޭންޑަށް ފުރުސަތެއް ނުލިބުނު. އަދި ކެޑޭޓަކީ ތަރުބިއްޔަތަށް މަގުފަހިކޮށްދޭ ދަރިވަރުންނަށް ފައިދާ ކުރާނެ ކަމަކަށްވާތީ، އަލުން އަޅުނގަޑުމެން ސްކޫލުގައި ކެޑޭޓް ހަރަކާތް ފެށުމަށް ނިންމީ،" ލީޑިން ޓީޗަރު ނާޒިމާ ވިދާޅުވި އެވެ.
ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ މުހްޔިއްދީން ސްކޫލުގައި 600 އަށްވުރެއް ގިނަ ކުދިން ތައުލީމް ހާސިލްކުރަމުންދާއިރު، އެ ސްކޫލުގެ ސްކައުޓް ހަރަކާތާއި ގައިޑް ހަރަކާތްދަނީ ހިންގަމުންނެވެ.