06 Sep 2015, 16:00
އަބޫދަބީ (ސެޕްޓެމްބަރު 6): ޔަމަންގެ ހަނގުރާމައިގައި މަރުވި ޔޫއޭއީގެ 45 ސިފައިންގެ ޖަނާޒާ، ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި އެގައުމުގެ އިސްވެރިންނާއި އަސްކަރީ އިސް އޮފްސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޔޫއޭއީގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އަންވަރު ގިރްގާރިޝް ވަނީ ޔަމަންގެ ހަނގުރާމައިގައި ޙުޘީ ހަނގުރާމަވެރިން ދިން ރޮކެޓް ޙަމަލާއެއްގައި މަރުވި އެގައުމުގެ 45 މީހުންނަކީ "ޝަހީދުން" ކަމަށް ސިފަކުރައްވާފައެވެ. އަދި ޔޫއޭއީގެ ސަރުކާރުންވަނީ މި 45 މީހުންގެ މަރާގުޅިގެން އެގައުމުގެ ރަސްމީ ދިދަ ބައިދަނޑިއަށް ތިރިކޮށް 3 ދުވަހުގެ ގައުމީ ހިތާމަ އިޢްލާންކޮށްފައެވެ.
މި 45 މީހުންގެ ހަށިތައް ޔަމަނުން އަބޫދާބީއަށް ގެނެސްފައިވަނީ ޔޫއޭއީ ސިފައިންގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. އެމީހުންނާއެކު ސައޫދީ ސިފައިންގެ 10 މީހުންނާއި ބަހްރައިން ސިފައިންގެ 5 މީހުންވެސް ހޫޘީންގެ ހަމަލާގައި މަރުވިއެވެ.
މިތިން ގައުމަކީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް އަސްކަރީގޮތުން ވަދެގަތުމަށް އުފައްދާފައިވާ އަރަބި ކޯލިޝަންގައި ހަރަކާތްތެރިވާ ތިންގައުމެވެ. މިކޯލިޝަންގައި މިސްރާއި އުރުދުންފަދަ އަރަބި އެހެން ގައުމުތައް ހިމެނުނަސް އެއީ ހަމައެކަނި ނަމެއްގައި އޮންނަ ކަމެކެވެ.
މިދޔަ ހުކުރުދުވަހު ޔަމަންގެ މައުރަބުގައިވާ ހަތިޔާރު ގުދަނަކަށް ޔަމަންގެ ސިފައިންނާއި ހޫޘީ ހަނގުރާމަވެރިން ރޮކެޓުން ދިން ޙަމަލާއެއްގައި މިތިން ގައުމުގެ ސިފައިންގެ ޖުމްލަ 60 މީހުން މަރުވެ އެތަށްބަޔަކު ފިހިފައިވެއެވެ.
މިއީ ސައޫދީ އިސްކޮށް އޮވެގެން އަސްކަރީގޮތުން ޔަމަނަށް ވަދެގަނެ ކުރަމުން ގެންދާ ހަނގުރާމައިގައި ސައޫދީ އަށާއި ގަލްފުގެ ގައުމުތަކަށް ލިބުނު އަސްކަރީ އެންމެ ބޮޑުގެއްލުންކަމަށް ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވަނީ ސިފަކުރައްވާފައެވެ.
މި 60 މީހުންގެ މަރާއެކު ޔޫއޭއީއާއި ސައޫދީ މަތިންދާބޯޓުތަކުންވަނީ ޔަމަންގެ ވެރިރަށް ސަންޢާއަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީ ހޫޘީ ހަނގުރާމަވެރިންނާއި އާންމުންގެ އެތަށް ބަޔަކު މަރާލާފައެވެ.
ޔަމަންގެ ޓީވީ ބުނާގޮތުން ޔޫއޭއީއާއި ސައޫދީ ފައިޓަރޖެޓްތަކުން ދިން ޙަމަލާތަކުގައި ޔަމަންގެ އާންމުންގެ 20 މީހުން މަރުވިއެވެ. ސައޫދީންނާއި ގަލްފުގެ އަރަބި ގައުމުތަކުން ޔަމަށް އަސްކަރީގޮތުން ވަދެގަންފައިވަނީ ސައޫދީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަން ހިމާޔަތް ކޮށް އަލުން އަނބުރައި ހާދީގެ ސަރުކާރު ޔަމަންގެ ވެރިރަށް ސަންއާގައި ގާއިމްކުރުމަށެވެ. މީގެއިތުރުން ހާދީއާ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންނާއި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް އަސްކަރީ ގޮތުން ބަލިކޮށް ވެރިރަށް ސަންއާއިން އެމީހުން ފައްސާލުންވެސް ސައޫދީގެ އަސްކަރީ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެވެ.
ސައޫދީން މިދިޔަ މާޗްމަހު ޔަމަނަށް އަސްކަރީ ގޮތުން ވަދެގަތްފަހުން އެގައުމުގެ 4 ހާހަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އދ. ން ބުނެއެވެ. މީގެތެރެއިން ގިނަބަޔަކު މަރުވެފައިވަނީ ސައޫދީ ގެ ވައިގެ ހަމަލާތަކުގައެވެ. (މައުލޫމާތު : އަލްޖަޒީރާ)