އާ ގައުމީ މަންހަޖުގެ ކީސްޓޭޖް 2 ގެ ޓިޗަރުން ތަމްރީނު ކުރުމުގެ ގޮތުން "ކަރިކިއުލަމް އެމްބެސެޑާސް ވޯކްޝޮޕް"ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފި އެވެ.

މިއަދުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ވޯކްޝޮޕްގައި އަންނަ އަހަރު ފެށޭ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތަންފީޒުކުރާ ގައުމީ މަންހަޖުގެ ކީސްޓޭޖް2 (ގްރޭޑް 4، 5 އަދި 6) ގެ އެމްބަސަޑަރުން ތަމްރީނު ކުރާނެ އެވެ.

އެ ވޯކްޝޮޕްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ސްކޫލްތަކުން ޖުމްލަ 187 ފަރާތެއް ވަނީ ބައިވެރި ވެފައެވެ.

މިހާރު ކުރިއަށްދާ ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ބައިތަކުގެ ތެރޭގައި އާ ގައުމީ މަންހަޖުގެ ދާއިރާތަކާއި ދަރިވަރުންގެ ކިބައިގައި އަށަގަންނަވަންޖެހޭ ގާބިލިއްޔަތާއި އަދި އެ ގާބިލްކަން އިތުރުކުރަނިވި ގޮތަކަށް ފެންވަރު ވަޒަންކުރުން ހިމެނެ އެވެ.

މަދުރަސި ތައުލީމްގެ ގައުމީ މަންހަޖު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ އިރު، މިއަދު ފެށި ވޯކްޝޮޕްގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަންނަ އަހަރަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް މީހުން އުފެއްދުމެވެ.

އަދި ކީ ސްޓޭޖު 2 ކަމުގައިވާ ގްރޭޑް ހަތަރަކާއި ފަހެއް އަދި ހައެއްގެ އާ ފޮތްތަކަށް ބައިވެރިން އަހުލުވެރި ކުރުވުމަކީވެސް ވޯކްޝޮޕްގެ އަމާޒެކެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އާ ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި މުޅި ތައުލީމީ ނިޒާމްގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ސްކޫލްތަކުގައި ދަރިވަރުންނަށް ތައުލީމް އުންގަންނައިދޭ އިރު ފޮތްތަކުގައި ހުރި މައުލޫމާތު އުންގަންނައިދިނުމާއި އެކު، ހުޅުވިފައިވާ ދުނިޔެއެއްގައި ދަރިވަރުންނަށް ރަނގަޅު މައުލޫމާތު ހޯދާނެ ގޮތާއި އަދި އުނގެނުމުގެ ހުނަރުތައް ދަސްކޮށްދިނުން މުހިއްމު ކަމަށެވެ.