06 Sep 2015, 15:31
މާލޭގެ މަގުތައް އަލުން ޑިޒައިން ކުރުމުގެ ދިރާސާއެއް ކުރުމަށް ޗައިނާގެ ކުންފުންޏަކާއި އެކު މިއަދު ސޮއިކޮށްފިއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 4.6 މިލިއަން ރުފިޔާއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ސީސީސީސީ ހައިވޭ ކޮމްޕެނީ ލިމިޓެޑް ރައީސް ޒެން ޒީގަން އެވެ. އެ ކުންފުންޏަކީ މާލެ ހުޅުމާލެ ބްރިޖް ވެސް ޑިޒައިންކުރި ކުންފުންޏެވެ.
" މިހާރު އޮތް ރޯޑް ނެޓްވޯކްގެ އެކިކަހަލަ ސާވޭތައް، އެކި ކަހަލަ ޑީޓެއިލް އިންވެސްޓިގޭޝަންތައް ހިންގޭނެ، ހިންގާ އެކަންކަމަށް ހައްލުތައް އެ ފަރާތުން ( ޗައިނާ ކުންފުނިން ) ހުށަހަޅަންޖެހޭނެ. ޑްރެއިނޭޖް ނެޓްވޯކަށް ވެސް ދާއިމީ ހައްލެއް ގެނެވޭނެ ގޮތްތައް ހުށަހަޅަންޖެހޭނެ" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ރީޑިޒައިންކުރުމުގެ ދިރާސާއެއްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު (ކ) މީޑިއާ މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އޭގެ އިތުރުން ޓްރެފިކް މެނޭޖްމެންޓަށް ހައްލުތަކެއް ހުށަހެޅުން ވެސް އެ ޕްރޮޖެކްޓްތެރޭ ހިމެނޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓް ނިމޭއިރު މާލޭގެ މަގުތަކާއި ބެހޭގޮތުން ދާއިމީ ހައްލަކަށް ބޭނުންވާނެ ހުރިހާ ދިރާސާތަކާއި ހުރިހާ ތަހްލީލެއް ކުރެވި ހުރިހާ ރިޕޯޓްތައް ތައްޔާރުކުރެވި ޓެންޑާ ޑޮކިއުމެންޓްތައް ވެސް ހުންނާނީ ތައްޔާރުކުރެވިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
" މިސާލަކަށް ޓްރެފިކް ލައިޓް ޖަހާނެ ދިމަދިމާ ނޫނިއްޔާ އެކަމަށްޓަކައި ޓެންޑާ ޑޮކިއުމެންޓްސް ތައްޔާރުކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ހައިވޭ ކޮމްޕެނީ އަދި އާކް އެންގް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑްގެ ޓީމެއް ދިރާސާތައް ކުުރުމަށް އަންނަ އަންގާރަ ދުވަހު މާލެ އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.