އިގްތިސާދީގޮތުންނާއި އަދި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރާ މިންވަރަށް، ތައުލީމު ދިނުމުގެ އުސޫލްތަކާއި އުކުޅުތައް ބަދަލުކުރަންޖެހޭ ކަމަށާއި ތަރައްގީއާއި ކުރިއެރުންތަކާ ފައިހަމަވާ ގޮތަށް ތައުލީމު ދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމު ވިދާޅުވެއްޖެ އެވެ.

މިއަދުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އާ ޤައުމީ މަންހަޖުގެ ކީސްޓޭޖް 2 ގެ މުދައްރިސުން ތަމްރީނު ކުރުމުގެ ގޮތުން ކަރިކިއުލަމް އެމްބެސެޑާސް ވޯކްޝޮޕުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމު ދިނުމުގެ ވައްޓަފާޅި ބަދަލުވާނީ ތައުލީމު ދިނުމުގެ ހުރިހާ މަރްހަލާއެއްގައި ޝާމިލްވާ މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންނާއި އަދި ބެލެނިވެރިންގެ ވިސްނުމުގެ ކުރިއަށް ދަރިވަރު އިސްކޮށްގެން ކަމަށެވެ.

އެހެންކަމުން ކިޔަވައިދެއްވުން ބައްޓަންކުރައްވާއިރު، ވީހާވެސް ބޮޑަށް ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދެއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކަރިކިއުލަމް އެމްބެސަޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެޑިއުކޭޝަން މިނިސްޓުރީ

"ކޮންމެ ދަރިވަރަކީ ތަފާތު ދަރިވަރަކަށް ވީފަދައިން، ޙާސިލްކުރާ މިންވަރުވެސް ތަފާތުވާނެތީ، އެ ދަރިވަރެއްގެ ގާބިލްކަން ހުރި މިންވަރަކަށް އެ ދަރިވަރަކަށް އުގަންނައިދިނުމުގެ ކަންތައްތައް ބައްޓަންކޮށް، އެ ގްރޭޑެއްގައި ހާސިލްކުރަންޖެހޭ މިންވަރަށް ދަރިވަރަށް ޙާސިލްކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަކީ ވެސް އަޅުގަނޑުގެ އިލްތިމާސެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އާ ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި މުޅި ތައުލީމީ ނިޒާމްގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށެވެ.

"ހާއްސަގޮތެއްގައި ތައުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރުމުގައި އަދި ގައުމީ މަންހަޖު ތަންފީޒުކުރުމުގައި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ދައުރު އިތުރުކުރަންޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ސްކޫލްތަކުގައި ދަރިވަރުންނަށް ތައުލީމް އުންގަންނައިދޭ އިރު، ފޮތްތަކުގައި ހުރި މައުލޫމާތު އުންގަންނައިދިނުމާއި އެކު، ހުޅުވިފައިވާ ދުނިޔެއެއްގައި ދަރިވަރުންނަށް ރަނގަޅު މައުލޫމާތު ހޯދޭނެ ގޮތާއި އަދި އުނގެނުމުގެ ހުނަރުތައް ދަސްކޮށްދިނުން މުހިއްމު ކަމަށެވެ.

ކަރިކިއުލަމް އެމްބެސަޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވާހަކަދައްކަވަނީ: ފޮޓޯ/

އެހެންކަމުން، ހުރިހާ ގޮތަކުންވެސް ތައުލީމީ ނިޒާމް ހަރުދަނާކުރެވޭނީ ސްކޫލްތަކުގެ ފެންވަރުގައި ޕްރިންސިޕަލުން އިސްނަންގަވައިގެން ކިޔަވައިދެއްވާ ޓީޗަރުންގެ ކުރިއެރުމަށް މިހާރަށް ވުރެ އިތުރު ސަމާލުކަމެއް ދީގެންކަން ސްޓޭޓް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ވޯކްޝޮޕުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ސްކޫލްތަކުން 187 ފަރާތެއް ބައިވެރިވާނެ ކަމަށެވެ. އެ ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ބައިތަކުގެ ތެރޭގައި އާ ގައުމީ މަންހަޖުގެ ދާއިރާތަކާއި، ދަރިވަރުންގެ ކިބައިގައި އަށަގަންނަވަންޖެހޭ ގާބިލިޔަތާއި އަދި އެ ގާބިލްކަން އިތުރުކުރަނިވި ގޮތަކަށް ފެންވަރު ވަޒަންކުރުން ހިމެނެ އެވެ.

އެ ވޯކްޝޮޕްގެ މަގްސަދަކީ މަދުރަސި ތައުލީމްގެ ގައުމީ މަންހަޖު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަންނަ އަހަރަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް މީހުން އުފެއްދުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓުރީން ބުންޏެވެ.