ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މިހާތަނަށް އުފެއްދި ވަޒީފާތަކުގެ ތަފުސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ފަރާތުން ރައީސް ޔާމީނަށް ސިޓީއެއް ހުށަހަޅައިފި އެވެ.

މަހުލޫފު އެގޮތަށް ސިޓީއެއް ހުށަހަޅާފައި ވަނީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނެވެ. ޔޫތު މިނިސްޓަރު ޓީވީ ޕުރޮގުރާމެއްގައި ދެއްކެވި ވާހަކަފުޅަކަށް ހަވާލާދީ ރައީސް ޔާމީން ރޭ ވިދާޅުވީ ރަސްމީކޮށް އެނގެން އޮތް ގޮތުގައި 42،000 ވަޒީފާ އުފެއްދިފައިވާ ކަމަށެވެ.

"މިހާތަނަށް އޮޑިޓު ކުރެވިފައި ހުރި ވަޒީފަތަކަށް ބަލާއިރު 42،000 ވަޒީފާ އުފައްދައިފި. އެކަމަކު އެމަނިކުފާނުގެ [ޔޫތު މިނިސްޓަރު ޒުހޫރު] ގެ އަމިއްލަފުޅު ޖަޖުމަންޓުގައި ދިރާސާގައި 50،000 އަށް ވުރެއް ގިނަ ވަޒީފާ މިހާރު ވަނީ އުފެއްދިފައޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ސިޓީ ހުށަހެޅުމަށްފަހު ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަހުލޫފު ވިދާޅުވީ، ރައީސް ޔާމީނުގެ ކެމްޕެއިން ދުވަސްވަރު 94،000 ވަޒީފާ އުފައްދާނެ ކަމަށް ވިދާޅުވުމުން އެކަމަށް ސުވާލު އުފެދުނު ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ދިޔަ ކަމަށެވެ.

މަހުލޫފު ވިދާޅުވީ 50،000 ވަޒީފާ އުފައްދައި އޭގެތެރެއިން 42،000 ވަޒީފާއަށް ޒުވާނުން ނުކުންނަމުންދާ ކަމަށް ވަނީ ނަމަ އެއީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަކީ ކޮންމެ ދިވެހި ރައްޔިތަކުމެ ފަހުރުވެރިވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު ސިޓީއެއް މި ހުށަހެޅީ ރައީސް ޔާމީނަށް އަޅުގަނޑަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އެ މައުލޫމާތުތައް ހާމަކޮށްދިނުން އެ ތަފުސީލުތައް ހާމަކޮށްދިނުން. އެއްކަމަކަށް ޖުމުލަ އުފެއްދުނު ވަޒީފާތަކުގެ އަދަދާއި އެ ވަޒީފާތަށް އުފެއްދީ ކޮން ދާއިރާއަކުންތޯ. ދެވަނަ ކަމަކަށް އުފަލާއި ފަހުރުވެރި ކަމާއި އެކީ ވިދާޅުވެދެއްވާށޭ ވަޒީފާ އަދާ ކުރަމުންދާ 42،000 ކުދިންގެ ނަން އެމީހުންގެ އެޑުރެސް އެމީހުންގެ ރަށް. އޭރުން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭނެ 42،000 ވަޒީފާ އުފެދިފައި އޮތް ތަން،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ، އޭނާ ސިޓީއެއް ހުށަހެޅީ ބައެއް ފަރާތްތަކުން އެކަމާ ދޭތެރޭ ކަންބޮޑުވުންފާޅު ކުރަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެވަރުގެ ބޮޑު އަދަދެއް ވިދާޅުވުމުން ކޮންމެ ރައްޔިތެއްގެ ހިތުގައި ސުވާލު އުފެދޭނެ ކަމަށެވެ.

މަހުލޫފު ވިދާޅުވީ، އެ މައުލޫމާތު ރައީސް އޮފީހުން ނުލިބުން ކަމުގައި ވިއަސް ސަރުކާރުގެ އޮފީސްތަކާ ކުންފުނިތައް މެދުވެރިކޮށް ވެސް އެއިން ކޮންމެ ތަނަކުން ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އުފެދިފައި ހުރި ވަޒީފާތަކުގެ ތަފްސީލް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.