06 Sep 2015, 15:02
ފުލުހުންގެ 26 ވަނަ އިންވެސްޓިގޭޝަން އޮފިސަރުންގެ ކޯހުގެ އެންމެ މޮޅު ދަރިވަރުގެ މަގާމް ޕޮލިސް ސާޖެންޓް އަހުމަދު އިބްރާހިމް ހޯދައިފި އެވެ.
ޕޮލިސް އެކެޑަމީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެ ކޯހުން އަހުމަދު އިބްރާހިމަށް އެއްވަނަ ހޯދާފައިވަނީ ކޯހުގައި އެކި މުއައްސަސާތަކުން ބައިވެރިވި ޖުމްލަ 43 ފަރާތަކާ ވާދަކޮށެވެ.
މިދިޔަ މަހުގެ 29ގެ ނިޔަލަށް ކުރިއަށްދިޔަ އެ ކޯހުގެ ދެވަނަ އަށް އައިސްފައިވަނީ ޕޮލިސް ސާޖެންޓް އަހުމަދު ސިރާޖެވެ. އަދި ކޯހުގެ ތިން ވަނަ އަށް އައިސްފައިވަނީ ޕޮލިސް ކޯޕޮރަލް އިބްރާހިމް ރަޝީދެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އާއި ކަސްޓަމްސް ފަދަ މުއައްސަސާގެ މުވައްޒަފުން ބައިވެރިވެގެން ކުރިއަށްދިޔަ އެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައި ވަނީ 35 ފަރާތަކުންނެވެ.
އޭޕްރިލް މަހުގެ 12 އިން ފެށި ކުރިއަށް ގެންދިޔަ އެ ކޯހުގެ ފުރަތަމަ ތިން މަހު ކޯހުގެ ބައިވެރިންނަށް ވަނީ ކެމްޕަސް ތެރެއިން ކްލާސްތައް ނަގައިދީފައެވެ. އަދި އެއަށްފަހު ބާކީ ދެމަހުގައި ވަނީ އަމަލީ ތަމްރީނުތަކެއް ދީފައެވެ.
އެ ކޯހުގައި ކްރައިމް ސީން އިންވެސްޓިގޭޝަން އާއި މަޝްހޫރު ބޮޑެތި ކޭސްތައް ތަހުގީގު ކޮށްފައިވެއެވެ. އޭގެ އިތުރުން ތަހުގީގު ކުރުމުގެ ގިނަ ހަރާކާތަކާއި ތަހުގީގު ކުރުމުގެ ގަވާއިދުތައްވެސް އެ ކޯހުގައި ވަނީ ކިޔައިދީފައެވެ.