06 Sep 2015, 18:20
ސްރީ ލަންކާއަށް ބޭރު ފައިސާ ވަންނާނެ މައި ދޮރޯއްޓަކަށް ފަތުރުވެރިކަން ހެދުމަށް މަސައްކަތްތަކެއް ފަށަން ނިންމާފައިވާ ކަމަށް އެގައުމުގެ އާ ސަރުކާރުން ބުނެފި އެވެ.
އާ ސަރުކާރުގެ ދަށުން ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓު މިނިސްޓްރީއާ ހަވާލުވެ ހުންނެވި، މިނިސްޓަރު ޖޯން އަމަރަތުންގަ ވިދާޅުވި ގޮތުގައި ގައުމުން ބޭރުގައި މަސައްކަތްކުރާ އެގައުމުގެ ރައްޔިތުންގެ އަތުން ލިބޭ ރެވެނިއުގެ ބަދަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އާމްދަނީއެށް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހެ އެވެ.
އެގޮތުން ލަންކާއަކީ ފަތުރުވެރިކަމަށް ރަނގަޅު ގިނަ މަންޒިލްތަކެއް ހުރި ގައުމެއް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ޖޯން އެހެން ވިދާޅުވެފައިވާއިރު، އެގައުމުގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި ވެސް ލަންކާއަށް 1.6 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވެ އެވެ.
ލަންކާއަކީ މުޅި އޭޝިއާ ބައްރުގައި ވެސް އެގައުމެއްގައި ހުރުމަށާއި ކެއުމަށް ފަތުރުވެރިން ބޮޑު ހަރަދެއް ކުރަންޖެހޭ އެއް މަންޒިލަށްވާއިރު، ގިނަ ފަތުރުވެރިން ލަންކާއަށް ގެނައުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ މިނިސްޓަރު ޖޯން ވިދާޅުވާގޮތުން، ލަންކާގެ ހޮޓެލްތަކާއި ގެސްޓު ހައުސްތަކުގައި ހުންނަ ހައި ރޭޓް ތަކެވެ.
ނަމަވެސް، ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން މިއަހަރު ނެރުނު ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި އެގައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެގައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެއް 17.1 ޕަސެންޓް އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ލަންކާއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލަންކާއަށް ޒިޔާރަތްކޮށްފައިވަނީ އެއް މިލިއަން ފަތުރުވެރިންނެވެ. އަދި ލަންކާގެ ޓޫރިޒަމް އޮތޯރިޓީން ވަނީ މިއަހަރު އެގައުމަށް އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އެރުވުމަށް އަމާޒް ހިފާފައެވެ.