ވޮޝިންގޓަން : ގައްޒާފީގެ ޢަސްކަރީ ބާރުތަކުގެ ކުރިމަތީގައި ލީބިޔާގެ އިދިކޮޅު ފާރްތައް ބަލިވަމުންދާތީ އެމެރިކާ ގަނޑުކޮށްފައިވާ ލީބިޔާގެ ފައިސާއިން، އިދިކޮޅު ފަރާތްތަކަށް ހަތިޔާރާއި ޢަސްކަރީ ސަޕްލައި ލިބޭނެގޮތް ހަދަން މަސައްކަތްކުރާކަން ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ ގައްޒާފީގެ ސަރުކާރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާ ހިފަހައްޓާފައިވާ ލީބިޔާގެ ބައްތިރީސް ހާސް މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެއް ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ދިނުމަށާއި، މިފައިސާއިން ގައްޒާފީގެ ބާރުތައް ބަލިކޮށްލެވޭފަދަ ޒަމާނީ ހަތިޔާރު ގަތުމުގެ ފުރްސަތު ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ދިނުމަށް އެމެރިކާ މިހާރުވަނީ ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުގެ އަތުގައި އެކަށީގެންވާ ވަރަށް ހަތިޔާރާއި ތަމްރީން ނެތުމުން ގައްޒާފީގެ ބާރުތަކުން ގެންދަނީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ބައެއް ރަށްތައް އަލުން ހިފަމުންނެވެ. މިގޮތުން ހުޅަނގުގެ ދެރަށްކަމަށްވާ ޒާވިޔާއާއި ޒުވާރާއާއި އިރުމަތީ ދެރަށް ކަމަށްވާ ރައުސް ލާނޫފް އާއި ބިންޖަވާދު މިހާރުވަނީ ގައްޒާފީގެ ބާރުތަކުގެ ދަށަށް ގޮސްފައެވެ.

ގައްޒާފީގެ ބާރުތަކުގައި ހިމެނެނީ ކުލީސިފައިންނާއި ލީބިޔާ ސިފައިންގެ ތެރެއިން ގައްޒާފީއަށް ވަފާތެރި މީހުންނެވެ. މިއެންމެންނަކީވެސް ވަރަށް ބޮޑަށް ތަމްރީން ލިބިފައިވާ މީހުންނެވެ.
ލީބިޔާ ސިފައިންގެ ލަޝްކަރުތަކުގައިވާ ޒަމާނީ ހަތިޔާރާއި ޢަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކާއި ކަނޑުގެ މަނަވަރުތައްފަދަ ބަރުހަތިޔާރުތައްވެސްވަނީ ގައްޒާފީގެ ބާރުތަކުގެ އަތުގައެވެ.
ގައްޒާފީގެ ބާރުތަކުން މިހާރުވެސް ގެންދަނީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށްރަށަށް ބޮންއަޅައި ޓޭންކާއި ބޮޑުބަޑިން ޙަމަލާތައް ދެމުންނެވެ. -- ރޮއިޓާސް