06 Sep 2015, 13:21
އެކި ފަރާތްތަކުން ފުލުހުންނަށް ފުރައްސާރަކޮށް އިންޒާރުދިން ކަމުގައިވިޔަސް ފަހަތަށް ޖެހިވަޑައިނުގެން މަސައްކަތާއިގެން ކުރިއަށް ދިޔުމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު އިސްކަންދަރު ކޮށްގައި ބޭއްވި ފުލުހުންގެ 26 ވަނަ އިންވެސްޓިގޭޝަން އޮފިސަރުގެން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހުސައިން ވަހީދު ވިދާޅުވީ އެގޮތަށް ބަޔަކު ދައްކާ ބިރެއްގެ ސަބަބަބުން ފުލުހުން ފަހަތަށް ޖެހިއްޖެނަމަ ގައުމުގެ މުސްތަގުބަލު ފެންނާނީ އަނދިރިކޮށް ކަމަށެވެ.
“އެކި އެކި ދިމަ ދިމާލުން ފުރައްސާރަ ކުރުމާއި ކޯލް ތަކާއި މެސެޖުތައް އެކިއެކި ގޮތް ގޮތުން އަޅުގަނޑުމެންނަށް އާދެ. އެވަގުތަކީ އަޅުގަނޑުމެން ގައުމަށްޓަކައި ޒިންމާ އަދާ ކުރަން ޖެހޭ ވަގުތު. އެވަގުތު އަޅުގަނޑުމެން އެ މެސެޖުތަކަށް ޖެހިލުންވެ ފަހަތައް ޖެހިއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް މާދަމާ ފެންނާނީ ކުޑަކޮށް އަނދިރިކޮށް،" ހުސައިން ވަހީދު ވިދާޅުވިއެވެ.
އިންޒާރުގެ ކޯލްތަކާއި މެސެޖުތައް އަންނަ ވަގުތުތަކުގައި ފުލުހުން ހިތްވަރު ކުރަން ޖެހޭނެ ކަމަށާއި ހިތްވަރާއެކު ކަންތައްތަކާ ކުރިމަތިލައިގެން ނޫނީ ގައުމަށް އަމާންކަމެއް ލިބިގެން ނުދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.