06 Sep 2015, 12:33
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ރާއްޖޭގެ ހައްޖުވެރިޔަކު ހާލުދެރަވެގެން ސައުދީ އަރަބިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހާލުދެރަވެގެން އެޑްމިޓުކޮށްފައި ވަނީ 57 އަހަރުގެ ހައްޖުވެރިއެއް ކަމަށެވެ. ނަމަވެސް އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެ މީހާ އެޑްމިޓު ކުރީ ރޭގެވަގުތެއްގައި ކަމަށާއި އެމީހާގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލުން ބަލަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މިއަހަރުގެ ހައްޖުކުރުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1300 ހައްޖުވެރިން ވަނީ މައްކާއަށް ގޮސްފައެވެ. ޙައްޖުވެރިންނަށް ސިއްހީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަ ޑޮކްޓަރުންނާއި 12 ނަރުހުން ދަނީ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މައްކާގައި ހަރަކާތްތެރިވަމުންނެވެ.