މާލެ އާއި ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ފުލް ޑިޒައިން މާދަމާ ރޭ ދައްކާލަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ބްރިޖުގެ ފުލް ޑިޒައިން ދައްކާލުން އޮންނާނީ މާދަމާ ރޭ ރާޅުގަނޑު ސަރަހައްދުގައި އެވެ.

މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވެފައިވަނީ، މާލެ އާއި ހުޅުމާލެއާ ދެމެދު އަޅަން ޖެހޭ ހުރިހާ ކޭބަލްތަކާ ދޭތެރޭ ވެސް ވިސްނައި އެފަދަކަންތައްތަކަށް އެންމެ ފުރިހަމައަށް ގެންދެވޭނެ ގޮތަށް ބްރިޖް ޑިޒައިން ކޮށްފައިވާ ކަމަށެވެ.

ހުޅުލެއާއި މާލެއާ ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮަލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޖިހާދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

މާލެ-ހުޅުމާލެ ބްރިޖަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ޕްރޮޖެކްޓް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.