ސުޕްރީމް ކޯޓްގެ އެއްވެސް ފަނޑިޔާރަކަށް ފޯނު އެލަވަންސެއް ނުދޭ ކަމަށާއި އެއްވެސް ފަނޑިޔާރަކު އެފަދަ އެލަވަންސަކާ ހަވާލުވެފައެއްވެސް ނުވާ ކަމަށް ސުޕްރީމް ކޯޓް ބުނެ ނޫސް ބަޔާނެއް އާންމު ކޮށްފި އެވެ.

ސުޕްރީމް ކޯޓުްގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ފޯނު އެލަވަންސަށް ބޮޑެތި އަދަދުތަކުުން ވޭތުވެދިޔަ ހަމަސް ދުވަހު ފައިސާ ނަގާފައިވާ ކަމަށް ބުނެ މީހަކު، އޭސީސީއަށް ހުށަހެޅުމުން، އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދިނުމާއެކު އެކަމާ ގުޅިގެން ޝާއިއު ކުރި ހަބަރުތަކަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓްން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ބުނަނީ ސުޕުރީމް ކޯޓްގެ އެއްވެސް ފަނޑިޔާރަކަށް ފޯނު އެލަވަންސް ނުދޭ ކަމަށާއި އެއްވެސް ފަނޑިޔާރަކު އެފަދަ އެލަވަންސަކާ ހަވާލުވެފައި ނުކަން ވަރަށް ސާބިތު ކަމާއެކު ސުޕްރީމް ކޯޓުން ކަށަވަރުކޮށްދޭ ކަމަށެވެ.

"... އެއްވެސް ފަނޑިޔާރަކު ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ލިބޭ އާމްދަނީއެއް ފިޔަވައި އިތުރު އެއްވެސް އާމްދަނީއެއް ހޯދައި އަދި ފައިސާގެ މުއާމަލާތެއް ކޮށްފައި ނުވާނެ އެވެ. އަދި ފަނޑިޔާރުން ގެންދަވަނީ މުދަލާއި ފައިސާގެ ބަޔާން ކޮންމެ އަހަރަކު އެއްފަހަރު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅަމުންނެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

އަދި އެބާނުގައި ބުނަނީ އެ ކޯޓުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ބަލާއިރު އެކޯޓުގެ ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ވެހިކަލް މަރާމާތުކުރުން ފަދަ މާލީ މުއާމަލާތް ހިންގާ ފަރާތްތަކަށް ނުވާތީ ސުޕްރީމް ކޯޓުގެ ވެހިކަލްތައް މަރާމާތު ކުރުމާއި އެ ވެހިކަލްތަކަށް ލިބޭ ގެއްލުމާދު ޒިންމާވާ ފަރާތްތައް ހޯދައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ބުނީ މިދިއަ އަންގާރަ ދުވަހު ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ޝާއިކޮށްފައިވާ ވާހަކަތަކަކީ ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑިދާފަ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.