ޔޫރޯ 2016 ގެ ކޮލިފައިންގެ ފުރަތަމަ ލެގްގައި ސްލަވާކިއާ އަތުން ބަލިވި ސްޕެއިން އިން ދެ ވަނަ ލެގްގެ މެޗްގައި 2-0 ގެ ނަތީޖާއަކުން ސްލަވާކިއާގެ މައްޗަށް ކުރިހޯދައި ގުރޫޕް 'ސީ' ގެ އެއް ވަނައަށް ޖެހިލައިފިއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު މިދެޓީމް ބައްދަލު ކުރި ފުރަތަމަ ލެގް މެޗް ސްލަވާކިއާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖައަކުންނެވެ.

ސްލަވާކިއާއާ ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި އޮތް ނަމަވެސް ސްޕެއިން އެއް ވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ދެޓީމަށްވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ.

ޔޫރޯ 2016 ގެ ކޮލިފައިންގައި ގުރޫޕް 'ސީ" ގައި ސްޕެއިންއާ ސްލަވާކިއާ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ކުރަނީ --- އޭޕީ ފޮޓޯ/ ޖޯސް ވީސެންޓޭ

މިއީ ޔޫރޯ 2016 ގެ ކޮލިފައިން ފެށިފަހުން ސްޕެއިންއަށް ތާވަލްގެ އެއް ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.

ސްޕެއިންގެ އޮވިއޭޑޯގެ ހުންނަ ނުއޭވޯ ކާލޯސް ޓާޓިއޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ސްޕެއިންއިން ވަނީ މެޗު ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައި ލީޑް ނަގައިފައެވެ.

އެ ލަނޑު ކާމިޔާބު ކުރި ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި ޑޭވިޑް ސިލްވާ ގޯލަށް ފޮނުވާލި ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ވުމުން ގޯލް އޭރިއާ ތެރޭގައި ހުހަށް ހުރި ޖޯޑީ އަލްބާ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ޔޫރޯ 2016 ގެ ކޮލިފައިންގައި ގުރޫޕް 'ސީ" ގައި ސްޕެއިންއާ ސްލަވާކިއާ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ޖޯޑީ އަލްބާ އުފާ ކުރަނީ --- އޭޕީ ފޮޓޯ/ ޖޯސް ވީސެންޓޭ

މެޗްގެ 30 ވަނަ މިނެޓްގައި ސްޕެއިންގެ ދެ ވަނަ ލަނޑު އަންދުރޭ އިނިއެސްޓާ ކާމިޔާބު ކުރީ ޑިއެގޯ ކޯސްޓާއަށް ލިބުނު ބޯޅަ އޭނާ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން އެބޯޅަ ދިފާއު ކުރަން ނިކުތް ސޮލަވާކިއާގެ ކީޕަރު މެޓޫސް ކޮޒާޗިކް ގެ ފައިގައި އަޅައި ކޯސްޓާ ވެއްޓުމުން ދިން ޕެނަލްޓީއެއްގައެވެ.

އިނިއެސްޓާ ޕެނަލްޓީ ފޮނުވާލީ ކޮޒާޗިކް ޑައިވް ކުރި ފަރާތް ނޫން އަނެއް ފަރާތަށެވެ.

ޔޫރޯ 2016 ގެ ކޮލިފައިންގައި ގުރޫޕް 'ސީ" ގައި ސްޕެއިންއާ ސްލަވާކިއާ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު އިނިއެސްޓާ (މ) ސްޕެއިންގެ ކުޅުންތެރިންތަކަކާއެކު އުފާ ކުރަނީ --- އޭޕީ ފޮޓޯ/ ޖޯސް ވީސެންޓޭ

މެޗްގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ގޯލްކީޕަރު އަދި ކެޕްޓަން އިކާ ކަސިއަސް ނުރައްކާތެރި ބޯޅައެއް ދިފާއު ކުރުމަށް ނުޖެހުނު އިރު ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ސްލަވާކިއާއިން ފޮނުވާލި ބޯޅަ ހޯދަން ކަސިއަސް ޑައިވް ކުރި ނަމަވެސް އެބޯޅަ ދިޔައީ ހަނި އޭންގަލަކުން ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި ސްލަވާކިއާއިން ގޯލަށް އަމާޒުކޮށް ފޮނުވާލީ ނުރައްކާތެރި ދެ ހަމަލާވެސް މިހާރު ޕޯޓޯގެ އެއް ނަންބަރު ކީޕަރު ކަސިއަސް ވަނީ ދިފާއުކޮށްފައެވެ.

ދެ ވަނަ ހާފުގައި ސްޕެއިންގެ ފެބްރިގާސްއަށާއި ޑޭވިޑް ސިލްވާ އަދި ޕެޑްރޯ ރޮޑްރިގޭޒްއަށް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލް ތެރެއަށް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ.

ޔޫރޯ 2016 ގެ ކޮލިފައިންގައި ގުރޫޕް 'ސީ" ގައި ސްޕެއިންއާ ސްލަވާކިއާ ބައްދަލު ކުރި މެޗްގައި ފޮނުވާލި ހަމަލާ ނަކާޟިޔާބު ވުމުން ޕެޑްރޯ މާޔޫސްވެފައި --- އޭޕީ ފޮޓޯ/ ޖޯސް ވީސެންޓޭ

މިގުރޫޕްގައި ރޭ ބެލަރޫސްގެ މައްޗަށް 3-1 ނަތީޖާއަކުން ކާމިޔާބު ހޯދައި ޔޫކްރޭން ވަނީ ސްޕެއިންއާ ސްލަވާކިއާއަށް ޕްރެޝާކޮށް 15 ޕޮއިންޓާއެކު އެ ދެ ޓީމްގެ ފަހަތުން ތާވަލްގެ ތިން ވަނައިގައި ވިއްދާފައެވެ.