06 Sep 2015, 10:08
އަންކަރާ (ސެޕްޓެމްބަރު 6): ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޖީ-20 ގައުމުތަކުގެ މާލީވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންގެ އިތުރުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ވެރިން ތުރުކީގައި ކުރިޔަށްގެންދެވި ދެދުވަހުގެ މަޝްވަރާތައް ނިންމަވާލައްވައިފިއެވެ.
މިބައްދަލުވުމުން ނެރުނު ބަޔާނުގައި ޗައިނާގެ އިގްތިސާދުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް އެރި ލޮޅުންތައް ރަނގަނޅުކުރުމަށް މަނިޓަރީގޮތުން އެގައުމު އެޅި ފިޔަވަޅުތަކަށް ތާރީފުކޮށްފައިވެއެވެ.
އަންކަރާގައި ބޭއްވި މިބައްދަލުވުން އަމާޒުކޮށްފައިވަނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި މަނިޓަރީ ސިޔާސަތުތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭގޮތުންނެވެ. މިގޮތުން އިންޓްރެސްޓް ރޭޓް ދައްކުރުމާއި ބޭންކްތަކުން މަރުކަޒީ ބޭންތަކުގައި ބަހައްޓާ ރިޒާވް ފައިސާ ދަށްކޮށް ލޯންތައް އިތުރަށް ދޫކޮށްގެން އިގްތިސާދު ތާޒާކޮށް އިގްތިސާދަށް އިތުރު ދިރުންގެނެވޭނެ ގޮތްތަކާބެހޭގޮތުން ޖީ-20 ގައުމުތަކުގެ މާލީވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުން މަޝްވަރާކުރައްވާފައިވެއެވެ. މިބައްދަލުވުމުން ނެރުނު ބަޔާނުގައި ދުނިޔޭގެ އިގްތިސާދު މިހާރު ކުރިޔަށްދަނީ އުންމީދުކޮށްފައިވާ ދުވެއްޔަށްވުރެ މާ ލަސް ދުވެއްޔެއްގައި ކަމަށް ބުނެފައިވެއެވެ.
މިބަޔާނުގައި ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވަނީ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށްގެން ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށެވެ. އިގްތިސާދީ ދުވެލި ހަލުއިކުރެވޭނީ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށްގެން އުފެދޭ ވަޒީފާގެ ފުރްސަތުތައް އިތުވާ ނިސްބަތަކުން ކަމަށްވާތީ ލޯންއިންޓްރަސްޓް ދަށްކުރުމަށް ބާރުއަޅާފައިވެއެވެ. ނަމަވެސް ލޯން އިންޓްރަސްޓް މާބޮޑަށް ދަށްކޮށްފިނަމަ ބޭންކްތަކުގެ ރިޒާވް ދައްވުމުގެ މައްސަލަކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިއެމްއެފްގެ ވެރިޔާ ކްރިސްޓީން ލަގާޑް ވިދާޅުވީ، ކުރިއަރާފައިވާ ބޮޑެތި އިގްތިސާދިތަށް ލޮޅުންއަންނަ ގޮތަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކަށް ލޮޅުން އައުމުގެ ފުރްސަތު އޮތްކަން ޗައިނާގެ އިގްތިސާދަށް މިހާރު އަރާފައިވާ ލޮޅުންތަކުން ހާމަވާކަމުގައެވެ.
އިންޑިޔާގެ މާލީ ވަޒީރު ވިދާޅުވީ އިންޑިޔާގެ އިގްތިސާދަށް ބިރެއްނެތްކަމުގައެވެ.
ޗައިނާގެ މާލީ ވަޒީރު ވިދާޅުވީ އެގައުމުގެ މާލީ ބާޒާރަށް އެރި ލޮޅުންތައް ރަނގަނޅުކުރުމަށް މަނިޓަރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާނެކަމަށާއި އެކަމުގެ ނަތީޖާ ރަނގަނޅުކަން ހާމަވަމުންދާކަމުގައެވެ.
ޖީ-20 ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ، ޗައިނާ އަދި ޖަޕާންފަދަ ގައުމުތަކުގެ އިތުރުން ދުނިޔޭގައި އެންމެ ހަލުއިކަމާއެކު އިގްތިސާދީ ކުރިއެރުންތައް ޙާސިލްކުރަމުން ގެންދާ ބްރަޒީލްއާއި އިންޑިޔާއާއި ދެކުނު އެފްރިކާއާއި ތުރުކީވިލާތާއި އިންޑޮނީޝިޔާ ފަދަ ގައުމުތައް ހިމެނެއެވެ. (މައުލޫމާތު: ނޫސްއެޖެންސީތައް)