ޔޫރޯ 2016ގެ ކޮލިފައިންގެ ގުރޫޕް "އީ"ގައި ސެން މެރީނޯގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރި މެޗްގައި އިންގެލެންޑްގެ މިހާރުގެ ކެޕްޓަން ވޭން ރޫނީ އެޓީމުގެ ކުރީގެ ކެޕްޓަން ބޮބީ ޗާލްޓަންގެ ރެކޯޑާ އަރައި ހަމަކުރިއިރު އިންގްލެންޑް ޔޫރޯއަށް ކޮލިފައިވެއްޖެއެވެ.

ސެން މެރިނޯގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ސެވަރާލްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ޗާލްޓަންގެ ރެކޮޑާ އެއްވަރު ކުރި ލަނޑު ރޫނީ ކާމިޔާބު ކުރީ މެޗްގެ 13 ވަނަ މިނެޓްގައެވެ.

ރޫނީ މިލަނޑު ކާމިޔާބު ކުރީ ސެން މެރިނޯގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ މާކޯ ޕެލައްޒީ އިންގްލެންޑްގެ ޖޯން ސްޓޯންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ.

މިއީ ރޫނީ އިންގްލެންޑަށް ޖަހައިދިން 49 ވަނަ ލަނޑެވެ. ރޫނީ 49 ލަނަޑު ކާމިޔާބު ކުރީ 106 މެޗުންނެވެ. ނަމަވެސް އިނގިރޭސި ވިލާތަށް ވޯލްޑް ކަޕް ހޯދައިދިން ޗާލްޓަން މިރެކޯޑް ހަދާފައިވަނީ 103 މެޗުންނެވެ.

މީގެ ކުރިން ޗާލްޓަންގެ ރެކޯޑާ އެންމެ ގާތް ކުރި ކުޅުންތެރިންނަކީ 48 ލަނޑު ޖެހި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ގެރީ ލިނެކާއާއި 44 ލަނޑު ޖެހި ޖިމީ ގްރީވްސްއާއި 40 ލަނޑު ޖެހި މައިކަލް އޮވެންއެވެ.

ރޭ ގެ މެޗްގައި އިންގްލެންޑްގެ އަނެއް ފަސް ލަނޑުު ގެ ތެރެއިން ދެ ވަނަ ލަނޑަކީ ސަން މެރީނޯގެ ކްރިސްޓިއަން ބްރޯލީއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަ ކާމޔާބު ކުރީ ތިއޯ ވޮލްކޮޓެވެ.

އެޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގައި އުމުރުން 21 އަހަރުގެ ޒުވާން ފޯވަޑް ރޯސް ބާކްލީއެވެ.

ހަތަރު ވަނަ ލަނޑު 68 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވޮލްކޮޓެވެ.

ފަސް ވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހެރީ ކޭންއެވެ.

މެޗްގައި ވޮލްކޮޓްގެ ދެ ވަނަ ލަނޑު އަދި އިންގްލެންޑްގެ ހަ ވަނަ އޭނާ ކާމިޔާބު ކުރީ 78 ވަނަ މިނެޓްގައެވެ.

މިރޭ ކުޅުނު އެހެން މެޗްތަކަށް ބަލައިލާއިރު ގުރޫޕް ޖީގައި ރަަޝިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން ސްވިޑެންގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

އެމެޗްގައި ވަގުތީ ކޯޗެއްގެ ގޮތުން ރަޝީއާއަށް އިރުޝާދު ދިނީ އެގައުމުގެ ސީއެސްކޭ މޯސްކޯގެ ކޯޗް ލިއަނޯޑް ވިކްޓޯރަވިޗް ސްލަޓްސްކީއެވެ.

އޭނާ ރަޝިއާ ޓީމަށް އިރުޝާދު ދީފައިވަނީ ކޮލިފައިންގައި ރަޝީއާ ހޯދި ދަށް ނަތީޖާ ތަކާ ގުޅިގެން އޭރު ކޯޗްކަމުގައި ހުރި އިޓަލީގެ ފަބިއޯ ކަޕެއްލޯ މިއަހަރު ޖުލައި މަހު 14 ވަނަ ދުވަހު ކޯޗް ކަމުން ވަކި ކުރުމާ ގުޅިގެންނެވެ.

ކަޕެއްލޯގެ ބަދަލުގައި މިހާތަނަށް ރަޝިއާއިން ކޯޗަކު ހަމަޖައްސާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ކޯޗަކަށް އައުން އެންމެ ގާތް ކެނޑިޑޭޓަކީވެސް ސްލަޓްސްކީއެވެ.