16 Mar 2011, 17:32
ސިންގަޕޫރު ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޗުއާ ޔޮން ހައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހި ރާއްޖެ އާއި ސިންގަފޫރާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސިންގަޕޫރު ސަފީރާ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެކޭ ޤައުމެއް ކަމަށާއި، އަދި، ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރި އެއް ކަމުގައި ވިދާޅުވި އެވެ. ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސިންގަޕޫރުގެ 20 ދަރިވަރަކު ރާއްޖެ އައިސްފައި ވާތީ މިދަތުރުގެ ސަބަބުން ވެސް ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ސިންގަޕޫރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ހިނގާ ބަހުސްތަކާއި، އެކަމަށް ހައްލެއް ހޯދުމަށް ދުނިޔޭގައި ކުރާ މަސައްކަތްތަކުގައި، ރާއްޖެއިން އަދާކުރަމުންގެންދާ ދައުރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި ޓު ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ނަސީމް ބައިވެރި ވެވަޑައިގެންނެވި އެވެ.