10:00


އެންސްޕާގެ އޮފީސް ލައްޕާފައި ތަޅުދަނޑިފަތި ހިފައިގެންދިޔަ މުވައްޒަފު ވިލިނގިލީގައި ނިދައިފައި އޮތުމުން އެތަނުގެ ޗެއާމަނާއި މުވައްޒަފުން މިއަދު އޮފީހަށް ނުވަދެވިފައި މަގުމަތީގައި ގަޑިއެއްހާއިރު މަޑުކުރަންޖެހިއްޖެ އެވެ.


މައުލޫމާތު ލިބޭގޮތުގައި އޮފީހުގައި މަސައްކަތްކޮށްފައި އެ އަންހެން މުވައްޒަފު އިއްޔެ ވިލިގިއްޔަށް ދިޔައީ، ގަވައިދުގައި ބުނާ ގޮތަށް، ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި ތަޅުދަނޑިފަތި ނާޅުވަ އެވެ. އަދި މިއަދުން ފެށިގެން އޭނާ ޗުއްޓީގައި ހުރުމުން، މިއަދު އޭނާ އޮފީހަކަށް ނުނުކުމެ އެވެ. އެހެންކަމުން މިއަދު އޮފީސް ހުޅުވަން ތަޅުދަނޑި ނަގަން ކަޅުތުއްކަލާ ކޮއްޓަށް ދިޔަ ކުއްޖާ އަށް ތަޅުދަނޑި ލިބޭ ގޮތް ނުވުމުން، ފުރަތަމަ ހީކުރެވިގެންދިޔައީ ތަޅުދަނޑި ގެއްލުނީ ކަމަށެވެ. ނަމަވެސް ފަހުން ބެލިބެލުމުން އެނގުނު ގޮތުގައި އިއްޔެ އޮފީސް ލެއްޕި ކުއްޖާ ތަޅުދަނޑި ދަބަހަށް ލައިގެން ގޮސް، ފޯނުވެސް ނިއްވާލައިގެން ވިލިނގިލީގައި އޮތީ ނިދައިފަ އެވެ. އެހެންވެ މީހަކު ފޮނުވައިގެން އޭނާ އަށް ގޮވުމުން، ފެރީ އަށް އަރައިގެން މާލެއާ ހަމައަށް އޭނާ ތަޅުދަނޑި ގެނެސްދިނެވެ. ވިލިގިލިން ތަޅުދަނޑި ގެނެސްގެން އެންސްޕާ ހުޅުވިއިރު ހުރީ ނުވައެއްޖަހާ ބޮޑުވެފައި ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.


މިކަމާ ގުޅިގެން އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އޮފީސް ހުޅުވުން ލަސްވީ އޮފީހުގެ ތަޅުދަނޑި ބަލާދިޔައިރު އެތަޅުދަނޑިފަތި އޮންނަތަނުގައި ނެތުމުން ކަމަށާއި އަދި އެކަމުގައި އިހުމާލްވެފައިވާ ފަރާތާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.