06 Sep 2015, 09:27
އެއީ ހާލުގައިޖެހި ގޮތްހުސްވެފައިވާ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން ދިރިއުޅޭނެ ތަނެއް ހޯދުމަށް ކުދިކުދި ބޯޓުތަކުގައި ޔޫރަޕަށް ދަތުރުކުރަނިކޮށް ކަނޑަށް ޣަރަގުވެގެން މަރުވި އެތައް ހާސް ރެފިއުޖީންގެ ތެރޭގައި ހިމެނޭ އެންމެ ކުއްޖެކެވެ. ރާޅުތަކާ އެކު ތުރުކީގެ އައްސޭރިފަށަށް ލައްގާފައި އޮއްވައި ފެނުނު އެ ތުއްތު ކުއްޖާގެ ފޮޓޯތަކުން ދުނިޔޭގެ ޒަމީރު ގުޑުވާލި އެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
ކަނޑު ހުރަސްކޮށް ގްރީސްއަށް ދަތުރުކުރަނިކޮށް ބޯޓު ބަންޑުން ޖަހާލައިގެން ކަނޑަށް ޣަރަގުވި ތިން އަހަރުގެ ތުއްތު އައިލާން ކުރުދީ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދޮށީ ބޭބެ ގާލިބް ކުރްދީ އަދި މަންމަ ވެސް މި ދުނިޔެއާ ވަކިވެގެން ދިޔައީ އެވެ. ނަމަވެސް ތުއްތު އައިލާންގެ އުއްމީދަކަށްވީ ކަނޑުވުމުން އޭނާ ސަލާމަތްކުރުމަށް ކަނޑުގެ ރާޅުތަކާ ހަނގުރާމަ ކުރަމުންދިޔަ ބައްޕަ، މަރުނުވެ ދުނިޔޭގައި ހުރުމެވެ.

ތުރުކީގެ ބޮދްރުމް ކައިރީގައި އޮންނަ ގޮނޑުދޮށަކަށް ބުދަ ދުވަހުގެ ހެނދުނު ލެއްގި، އައިލާންގެ ބޮޑުދައިތަ ތިމާ ކުރްދީ ބުނާގޮތުން، ބޭބެ އަބްދުﷲ އޭނާގެ ދެ ދަރިންނާ އަންހެނުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދިޔަ އިރުވެސް، ތުއްތު އައިލާން ދިޔައީ އޭނާގެ ބައްޕަ މަރުނުވުމަށްއެދި އާދޭސްކުރަމުންނެވެ.
ނަމަވެސް، ދެ ދަރިންނާއި އަންހެނުން ކަނޑުވުމުން ސަލާމަތްކުރުމަށް މަސައްކަތްކުރި ނަމަވެސް، އިނގިލިކުރިން ދޫވެ އާއިލާ ބީވެގެންދިޔައީ އަބްދުﷲގެ ކުރިމަތީގައެވެ.
"ބޯޓު ބަންޑުން ޖަހާލުމުން އަހަރެންގެ ބޭބެ (އަބްދުﷲ ކުރްދީ) ރާޅުތަކާއެކު އަޑިއަށް ދަމަންފެށި، އޭރު އެ ތުއްތު ދެކުދިން (އައިލާން ކުރްދީ އާއި ގާލިބް ކުރްދީ) އޮތީ އޭނާގެ ދެ އަތުގައި،" ޓައިމްސް އަށްދިން އިންޓަވިއުއެއްގައި ތިމާ ބުންޏެވެ.

އައިލާންގެ ބައްޕަ އަބްދުﷲ ކުރްދީ ----
"ބޭބެ ބުނީ އޭނާގެ އަތުގައި ހުރި ބާރެއްލާފައި އެ ދެކުދިން ފެނުން މައްޗަށް ނޭވާލާން ނަގަން މަސައްކަތްކުރި ކަމަށް. އޭރު ދެ އަތުގައި އޮތް ދެ ކުދިން ވެސް ބައްޕާ މަރުނުވައްޗޭ ގޮވާ ހަޅޭއްލަވަމުންދިޔަ،"
ސޫރިޔާއިން ތުރުކީއަށް ވަދެ އަބްދުﷲގެ އާއިލާއާ އިތުރު ބަޔަކާއި އެކު ގްރީސްގެ ރަށެއް ކަމަށްވާ ކޮސްއަށްދާން ތުރުކީން ފުރީ އެތައް ހާސް ޕައުންޑެއް ދަތުރު ރާވައިދިން މީހާއަށްދައްކާފައެވެ. ނަމަވެސް ބިޔަ ރާޅުތަކަކާ ކުރިމަތިލާންޖެހި ބޯޓު ބަނޑުން ޖަހާލީ ބޯޓު ދިޔަވެގެންނެވެ.
އައިލާން އާއި އޭނާގެ ބޭބެ އަދި މަންމަ، ހަނގުރާމަ ހިނގަމުންދާ ކޮބާންގައި ވަޅުލާފައިވާއިރު، އަބްދުﷲ ވަނީ ފުންހިތާމައެއްގައެވެ. އާއިލާ ދޫކޮށް ސޫރިޔާއިން އަނބުރާ ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"އަބްދުﷲ ޔޫރަޕަށް ދާން ބޭނުންވީ، ހަމައެކަނި އޭނާގެ ދަރިންނަށްޓަކައި. އޭނާގެ ދަރިން އޭނާ ސިފަކުރަނީ ދުނިޔޭގެ އެންމެ ރީތި ކުދިންގެ ގޮތުގައި. ނަމަވެސް މިއަދު އެމީހުން އެވަނީ މިދުނިޔެއާ ވަކިވެފަ. މިހާރު އަބްދުﷲ ވެސް ބޭނުންވަނީ އޭނާގެ އާއިލާ ގާތު ކޮބާންގައި މަޑުކުރަން،" އަބްދުﷲގެ ބޮޑުބޭބެ ސުލެއިމާން ކުރްދީ ބުންޏެވެ.

އަބްދުﷲގެ އާއިލާ މަރުވުމުގެ ހިތާމައިގައި ބައިވެރިވާ އަނެކަކީ އައިލާންގެ ބޮޑުދައިތަ ތިމާ އެވެ. އޭނާއަށް އަދިވެސް އޭނާގެ މައިދައިތަ އާއި އޭނާގެ ދެކުދިން މިދުނިޔެ ދޫކުރިކަން ގަބޫލުކުރަން ދަތިއިރު، އޭނާގެ ބޭބެގެ އާއިލާ މަރުވުމުގެ ތުހުމަތު އޭނާކުރަނީ އަމިއްލަ ނަފްސަށެވެ.
"އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ތުހުމަތުކުރަން. އަހަރެން ބޭބެ އަތަކު ފައިސާއެއް ނުހުންނާނެ. ދަތުރު ރާވައިދިން މީހާއަށް ފައިސާ ދިނުމަށް އަހަރެން ބޭބެ އަށް ފައިސާ ފޮނުވީ. އަހަރެން އެފައިސާ ނުފޮނުވި ނަމަ، އެމީހުން ދުނިޔޭގައި ތިބީސް،" އެސޯސިއޭޓެޑް ޕްރެސް އަށް ވަކިން ދިން އިންޓަވިއުއެއްގައި ތިމާ ބުންޏެވެ.