ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިން މައްސަލަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުށްވެރި ކުރައްވައިފި އެވެ.

ޕީޕީއެމްގެ ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަހުފޫޒަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެކަމާ އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ.

މީހަކު ދައްކާ ވާހަކައަކުން ނުވަތަ މީހަކު ކުރާ ކަމެއްގެ ސަބަބުން އެވަރުގެ ޖިސްމާނީ އަނިޔާއެއް ލިބުމަކީ ހައްގު ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެފަދަ ކުށްތައް ރާއްޖެއިން ހުއްޓެން ޖެހޭ ކަމަށެވެ.

"ގަސްތުގައި މީހަކު މެރުން މި ކުށް ކޮށްފިއްޔާ މުޅި މުޖުތަމައުތުގެ މަސްލަހަތާ ސުލްހަވެރިކަމާ އަމާންވެރިކަމާއި އަޅުގަނޑުގެ ޔެސް ކެމްޕެއިނުގެ ސެކިއުރިޓީ އޭންގަލުން އަޅުގަނޑު ބޭނުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން،" ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ މަހުފޫޒަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަހުފޫޒަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މާވެޔޮމަގު ވާދީ ފުރެޝް ކައިރިން މަހުފޫޒަށް ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ބައެކެވެ.

އޭނާ އަށް ލިބުނު ޒަޚަމްތަކާ ގުޅިގެން ކޮށްފައިވާ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު އިއްޔެ "ސަން" އަށް ވިދާޅުވީ، މަހުފޫޒަށް ދިން ހަމަލާއާ ގުޅިގެން "ވަރަށް ސީރިއަސް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ފަހު މިހާރު މަހުފޫޒުގެ ހާލު ރަނގަޅުކަމަށް ޒީނަތު ވިދާޅުވި އެވެ.

ވަޅިން ހަމަލާދީފައި ވަނީ މަހުފޫޒުގެ މޫނުން ލޮލާ ދިމާލުން އަރިމަތީގައި ހުންނަ ހިނދިވަޅު ނުވަތަ އައިސޮކެޓްއާ ދިމާވާ ގޮތަށެވެ. ޒީނަތު ވިދާޅުވީ އޮޕަރޭޝަނަށް ފަހު އެންމެ ފަހުން ހެދި ޓެސްޓުތައް ދައްކާގޮތުން ވެސް މަހުފޫޒުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.