05 Sep 2015, 23:48
ބައިނަލް އަގުވާމީ ގައުމުތަކުގެ ތެރެއިން ރަށްޓެހި ރަހުމަތްތެރިކަން ދަމަހައްޓަން ބޭނުންފުޅު ވަނީ ދިވެހިންގެ ސިޔާދަތާއި އިސްތިގުލާލާއި ދިވެހިން ގަބޫލުކުރާ މައިގަނޑު އުސޫލުތަކަށް އިހުތިރާމު ކުރާ ފަރާތްތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރާނެ ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބަޔަކު ދައްކާ ވާހަކައަކަށް ދިވެހިން ބަލަން ނުޖެހޭ ކަމަށެވެ. ރާއްޖެ އަށް ގެއްލުން ނުލިބޭ ގޮތަކަށް ގުޅަން ޖެހޭ ކޮންމެ ގައުމަކަށް ރައީސް ޔާމީނުގެ "ޒައާމަތުގައި" ގުޅާނެ ކަމަށާއި ގުޅޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ [ދިވެހިރާއްޖެ] ދުނިޔޭގައި އޮތް ކުޑަ ގައުމެއް. އަޅުގަނޑުމެންނަކީ ހުރިހާ ގައުމެއްގެ ވެސް ރަށްޓެހިން. އެ ރަހުމަތްތެރިކަމާއި ރަށްޓެހިކަން ދަމަހައްޓަން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްތިގުލާލާއި އަޅުގަނޑުމެންގެ މިނިވަންކަމާއި މިކަންކަމާ އަދި އަޅުގަނޑުމެން ދިވެހިން ގަބޫލުކުރާ މައިގަނޑު އުސޫލުތަކަށް އިހުތިރާމު ކުރާ ގައުމުތަކާ އެކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ އުސޫލުތަކަށް ފާޑު ކިޔައި ދިވެހިން ކުރާ ކަންތައްތައް ކުރަނީ ބޭރުން ކަމަށް ބުނެ ފާޑުކިޔާ ބޭރުގެ ގައުމުތަކަކީ ދިވެހިންގެ އިސްތިގުލާލަށް އިހުތިރާމު ކުރާ ބައެއް ނޫން ކަމަށެވެ.
ކެމްޕެއިން މެނޭޖަރުން ތަމްރީން ކުރުމުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަލީ ނަސީރު
ބައިނަލް އަގުވާމީ ޖަމިއްޔާތަކުގައި ރާއްޖެއިން ބައިވެރިވަނީ ދިވެހިންނަށް އެކަމުން މަންފާއެއް ހޯދުމަށް ޓަކައި ކަމަށާއި އެހެންނަމަވެސް އެފަދަ ޖަމިއްޔާތަކުން ރާއްޖޭގެ ކަންތައްތަކަށް ފާރަވެރިވާ ކަމަށްވާ ނަމަ އެ ޖަމިއްޔާތަކުގެ ބޭނުން ދިވެހި ދައުލަތަށް ކެނޑިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)ގެ މެމްބަރު ގައުމެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިއަސް އަޑު އުފުލަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އަޑު އުފުލާ ބައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިންނަކީ ހައްގުތަކަކަށް މަސައްކަތް ކުރާ ބަޔަކަށް ވެގެންދާ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ތެރޭގައި މި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އެބަ ހިމެނޭ އަޅުގަނޑުމެންގެ އަޑު އުފުލުން. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މިވަގުތު... ޗެއާ އަކީ ދިވެހިރާއްޖެ. އެހެންވީމަ ކުދި ގައުމުތަކުން އަޑު އުފުލައިގެން އެއީ ކޮމިޓްމަންޓާ އެކީ ކުރާ ކަމެއް ކަމަށް ވަންޔާ އޭގެ ނަތީޖާ ވެސް އެބަ ރަނގަޅުވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިގުތިސާދީ ތަނަވަސްކަން ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލާނެ ކަމަށެވެ.