06 Sep 2015, 08:59
ދުނިޔޭގެ އެންމެ ކުރު މީހާގެ ރިކޯޑް އޮތް ނޭޕާލުގެ ޗަންދުރާ ބަހާދުރު ދަންގި މަރުވެއްޖެ އެވެ.
އިސްކޮޅުން އެންމެ އެއްފޫޓު ނުވަ އިންޗި (54.6 ސެންޓިމީޓަރު) ހުންނަ ޗަންދުރާ، މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކަން ސަމޯއާގެ ޕޭގޯ ޕޭގޯގައި ހުންނަ ލިޔޮންޑިއޭން ބީ ޖޯންސަން ޓްރޮޕިކަލް މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްފައި އޮއްވައެވެ. ނަމަވެސް ނިއުމޯނިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ޗަންދުރާ މަރުވި ސަބަބެއް ހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.
ދުނިޔޭގެ އެންމެ ކުރުމީހާގެ މަގާމާއެކު އުމުރުން 75 އަހަރުގެ ޗަންދުރާއަށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ލިބުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ އެ މަގާމު ކުރިން އޮތް އިންޑިއާގެ ގުލް މުހައްމަދަށްވުރެއް ބައި އިންޗި ކުރުވެގެންނެވެ.

ދުނިޔޭގެ އެންމެ ދިގު މީހާ ރިކޯޑް އޮންނަ ސުލްތާން އާއެކު ޗަންދުރާ ---
ރިކޯޑް ލިބުމުގެ ކުރިން މެޖިކް ސާކަސް އޮފް ސަމާއޯގައި މަސައްކަތްކުރި ޗަންދުރާ އޭނާ ދިރިއުޅުނު ނޭޕާލުގެ ޑޭންގު ޑިސްޓްރިކްޓުގައި އޮންނަ ރީމްކޮލީ ނަމަކަށް ކިޔާ އަވަށުން ބޭރަށް ނުކުމެފައެއްނުވެ އެވެ.
ނަމަވެސް، ރިކޯޑް ލިބުނުތާ ދެ އަހަރު ފަހުން އޭނާ ވަނީ އިސްކޮޅުގައި އަށް ފޫޓު ދެ އިންޗި (2.48 މީޓަރު) ހުންނަ ދުނިޔޭގެ އެންމެ ދިގު މީހާ، ތުރުކީގެ ސުލްތާން ކޮސެން އާ ބައްދަލުކުރުމަށް ލަންޑަނަށް ގޮސްފައެވެ.

ޗަންދުރާ ބަހާދުރު ދަންގި ----
ދުނިޔޭގެ އެންމެ ކުރު މީހާގެ ރިކޯޑް މިހާރު އޮތީ، ފިލިޕީންސަށް އުފަން އިސްކޮޅުގައި އެއްފޫޓު ދިހަ އިންޗި ހުންނަ ޖުންރީ ބަލަވިންގު، 22 އަތުގައެވެ.
މައުލޫމާތު: ކަތަމަންޑޫ ޕޯސްޓް، ދަ އިންޑިޕެންޑެންޓު