ފާއިތުވި 10 ވަރަކަށް އަހަރާ ދޭތެރޭގައި ވިސްނާ އިރު "ދިވެހިންގެ ސައިކީ" ނޫނީ ވިސްނުމާއި ފިކުރު ހުރީ ބަރުދާސްތު ކުރަން ދަތި އުނދަގޫ ހާލަތާއި ކެކުޅުމުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

"ފާއިތުވި 10 ވަރަކަށް އަހަރާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު އަޅުގަނޑުމެން ދިވެހިންގެ ސައިކީ އަކީ ބަރުދާސްތު ކުރަން ދަތި އުނދަގޫ ހާލަތާ ކެކުޅުމުގެ ތެރޭގައި ދިވެހިންގެ ސައިކީ އޮތީ،" ރައީސް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރާނެ ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތު އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ކަންކަމުގައި ދިވެހިން ގޮތެއް ނިންމުމުގެ ބަދަލުގައި ބޭރުގެ ނުފޫޒުތަކުން އަތްގަދަ ކުރަމުން ދިޔަ މަންޒަރު މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑުމެން ހީކުރީމު އަޅުގަނޑުމެންގެ މިނިވަން 50ގެ އަހަރުތައް ފާހަގަ ކުރާނީ އިސްތިއުމާރީ ނުފޫޒުތަކުން އެއްކިބާ ވެގެން ހުރެ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ސަރުކާރަކުން މަސައްކަތް ކުރަމުން ދިޔައީ ކޯޓުގެ އެއްވެސް އަމުރެއް ނެތި ސަރުކާރުން ބޭނުން ކޮންމެ އިރަކު މީހުން ހިފައި ހައްޔަރު ކުރަމުން ކަމަށެވެ. އޭރުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އެކި ކަހަލަ ހަމަލާތައް އޭރު ދެމުން ދިޔަކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭރު ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ރައްޔިތުންގެ ނަފުސާއި ޖިސްމު ހަލާކު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސަރުކާރަކުން ދިވެހިރާއްޖޭގެ މުޅި ދިވެހިރާއްޖޭގެ އަމަން ނަގާލިތަން. އަދި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިވެހި ރާއްޖޭގެ އަސްކަރިއްޔާ ބޭނުންކޮށްގެން މިކަހަލަ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަމުރުތައް ކުރަމުން ދިޔަތަން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޯޓުތަކާ މެދު ހިތްހަމަނުޖެހިގެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ގާޒީން ހައްޔަރު ކުރަމުން ދިޔަތަން. އަޅުގަނޑުމެންނަށް އޭރު ހިތަށް އަރަމުން ދިޔައީ ﷲ އަށް ވަކީލު ކުރުން ނޫން އިތުރު ހަމަ އެއްވެސް ގޮތެއް ނެތޭ،" އެމްޑީޕީ އިން ރާއްޖޭގައި ވެރިކަން ކުރި ދެ ތިން އަހަރަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް އަދީބު ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ދިވެހިންގެ ތެރޭގައި އޭރު އޮތީ މާޔޫސްކަމާއި ނާއުއްމީދު ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޭރު ރާއްޖޭގެ އިގްތިސާދު އޮތީ އަނބުރާ އިޔާދަ ނުކުރެވޭހާ "ވީރާނާ" ކަންމަތީގައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ "އަލުން ނަލަ" ކުރަން ޖެހޭ ހިސާބުގައި ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންނަށް އެކަން ތަހައްމަލު ނުކުރެވިގެން މަގުމައްޗަށް ނުކުންނަން މަޖުބޫރުވެގެން ދިޔަ ކަމަށެވެ.

"މިގައުމުގެ ހާލުގެ ދުލުން ގޮވަން ފެށީ މިހާރު ދެން ހެވޭ ބަދަލެއް އަންނަން ވެއްޖޭ. މި ބަދަލު ގެނައުމަށް އޭރު އޮތް ސިޔާސީ އެންމެނާ އެއްގަލަކަށް ދީނީ ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އެރި. އޭރުގެ އޮތް އަނިޔާވެރި ވެރިކަމަކީ ދިވެހިންނަށް ދެން ތަހައްމަލު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް އަޅުގަނޑުމެން އެންމެން އެއްބަސްވީމު. އަޅުގަނޑުމެން މަގުވައްޗަށް ނުކުތީ ގާނޫނީ އިމުގެ ތެރެއިން ކަންތައްތައް ކުރަން. ނަތީޖާއަކަށް ވެގެން ދިޔައީ އަމިއްލަފުޅަށް އޭރުގެ ރައީސް އިސްތިއުފާ ދެއްވުން،" ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ޔާމީނު ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމައިދެން ބޭރުގެ ފަރާތްތަކުން އަންނަ ކަމަށްވާ ނަމަ އެފަރާތްތަކުގެ އެދޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންމެ ދާއިރާއަކުން ވެސް ފުންނާބު އުސް ބޭފުޅުން ތިއްބެވި އިރު ވެސް ދިވެހިންގެ ދާހިލީ ކަންކަން ނިންމާލުމުގެ އިލްމީ ގާބިލު ކަމެއް ދިވެހިންގެ ތެރޭގައި އޭރު ނެތްތަން ފެނިގެން ދިޔަ ކަމަށެވެ.