16 Mar 2011, 17:29
މާލޭ ސަރަހައްދުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް ބޭރުގެ ތިން ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނި ގޮތުގައި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން [އައިސީބީ]ގެ އުސޫލުގެ ދަށުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލި ތިން ކުންފުންޏަކީ ރަމްކީ އެންވައިރޯ އިންޖިނިއާޒް ލިމިޓެޑް އާއި އޯގެނިކް ލިމިޓެޑް އަދި ޔުނައިޓެޑް ފޮސްފެރަސް އެވެ.
އެކޮނޮމިކް މިނިސްޓްރީން ބުނީ އެ ފަރާތްތަކުގެ ބިޑުތައް މި މަހުގެ 25 ގެ ކުރިން ދިރާސާކޮށް ނިންމައި އެގްރިމެންޓްގައި ސޮއި ކުރެވޭ ވަރުވާނެ ކަމަށެވެ.
އެގޮތުން އެ ބިޑްތަށް ދިރާސާ ކުރުމަށް އިނިކޮމިކް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ފިނޭންސް މިނިސްޓްރީ އަދި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެންބަރުން ބައިވެރިވާ ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
ޕްރޮޖެކްޓުގެ ކާމިޔާބުކުރި ފަރާތަކުން، ތިލަފުށީ ސަރަހައްދުގައި ހުރި ގޭބިސީތަކާއި ވިޔަފާރިތަކުން ކޮންމެ ދުވަހަކު މުނިސިޕަލް ސޮލިޑް ވޭސްޓް އެއްކޮށް، އެ ރަށެއްގައި ގާއިމްކޮށްފައި ހުންނަ ކުނި ކޮއްޓަށް ޖަމާކުރުމާއި ތިލަފުށީ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކުނި ކޮށިތަކުގައި ހުންނަ ކުނި ތިލަފުއްޓަށް ގެންގޮސް، ކުނީގެ އެކި ބާވަތްތައް ވަކިކޮށް، ޓްރީޓްކޮށް ނައްތާލަން ޖެހެ އެވެ.
މިދިޔަ މަހު ވަޒީރުންގެ މަޖިލިހުން ނިންމަވާފައި ވަނީ އެ މަޝްރޫއުން ހިދުމަތްދިނުމަށް 2013 ވަނަ އަހަރު ނިމުމުގެ ކުރިން ފެށުމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ދާއިމީކޮށް ފަށާނީ މާޗު 2013 ނިމުމުގެ ކުރިން ކަމަށެވެ.
މާލެ ސަރަހައްދުގައި ހިމެނޭ ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގެ އެވެ. މީގެ އިތުރުން ކ، އއ، ވ. އަދި އދ. އަތޮޅުގެ ރިސޯޓްތައް ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.