05 Sep 2015, 21:55
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް އިއްޔެގެ ވަގުތެއްގައި ވަޅިން ހަމަލާދިން މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެކަން ކުށްވެރިކޮށް އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަރީމާ ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ވީހާ ވެސް ހަލުވިކުރުމަށް ގޮވާލާ ކަމަށެވެ.
އެގޮތުން އެކަމުގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް، އެންމެހާ އަފްރާދުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދިރިއުޅުމުގެ ހައްގަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އެންމެ އަސާސީއެއް ހައްގުކަމަށް ވީހިނދު، މިފަދަ ހަމަލާތައް ދެވެމުން ދާކަމީ މި ކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށާއި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކަށް އެފަދަ ނުރައްކާތެރި ހަމަލާތައް ދިނުމާއި ދޭން ރޭވުމަކީ އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން އެފަދަ ކަންކަން ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.